ލިޔުނީ: ޙުސައިން ޙަސަން، އަހުމަދު އާޒިފް އަދި އާދަމް ނަޒީރު

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލައިގައި ހައްޔަރު ކުރި ސިފައިންގެ މީހުންގެ ތެރޭގައި ބޮންފަދަ ގޮވާ ތަކެތި، ނުގޮވާ ގޮތަށް ހެދުމުގެ ގާބިލްކަން ލިބިފައިވާ ތަޖުރިބާކާރެއް (އެކްސްޕްލޯސިވް އޯޑްނެންސް ޑިސްޕޯސަލް [އީއޯޑީ] އެކްސްޕާޓް) އެއް ހިމެނޭކަން "ސަން"އަށް ކަށަވަރުވެއްޖެ އެވެ.

ފުލުހުން ތިން މީހުންގެ ތެރޭގައި ހިމެނޭ އެކަކަކީ އެމްއެންޑީއެފްގެ ބަޑި ގުދަނުގައި މަސައްކަތް ކުރާ އއ. ފެރިދޫ، ދޭލިއާގެ، މުހައްމަދު ޖަވާޒު ނަމަކަށް ސިފައިންގެ މީހެކެވެ. އޭނާއާއެކު ހައްޔަރު ކުރި ސިފައިންގެ ދެ ވަނަ މީހަކީ ސާޖަންޓް މޫސާ ޒަމީރެވެ. ތިން ވަނައަށް ހައްޔަރު ކުރި މީހާގެ ވަނަވަރެއް ނޭނގެ އެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް ކިޔައިދިން ގޮތުގައި ޒަމީރަކީ ބޮން ނުގޮވާ ގޮތަށް ރައްކާތެރިކަމާއެކު އެތަކެތި ނައްތާލުމުގެ ގާބިލްކަން ލިބިފައިވާ މީހަކެވެ. އޭނާއަކީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގައި ކުރިން މަސައްކަތް ކުރި ހަށިފާރަވެރިއެކެވެ.

ސާކު ސަމިޓުގެ ސަލާމަތީ އޮޕަރޭޝަންތަކަށް ތަމްރީން ހޯދުމުގެ ގޮތުން ސިފައިންގެ އީއޯޑީ އެކްސްޕާޓުންތަކެއް ސ. ގަމުގައި-- ސަން ފައިލް ފޮޓޯ

ބަޑިގުދަނުގައި މަސައްކަތް ކުރާ ޖަވާޒަކީ ހަވާ އެރުވުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ މީހެކެވެ. އެމްއެންޑީއެފްގައި އޭނާ މަޝްހޫރުވެފައި ވަނީ އެ މަސައްކަތަށް "މޮޅު" މީހެއްގެ ގޮތުގަ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޖަވާޒު ހައްޔަރު ކުރީ ރާއްޖޭން ބޭރަށް ފުރައިގެން ދިއުމަށްފަހު ކޮލަންބޯ މަގުން ސްރީލަންކަންގެ ފުލައިޓެއްގައި ރާއްޖެ އައި ތަނުންނެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމަށްފަހު، އޭނާ އެނބުރި ރާއްޖެ އައީ އިއްޔެ މެންދުރުފަހު އެވެ.

ރައީސް ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮވާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ކޯޓު އަމުރެއްގެ ދަަށުން ޖަވާޒު ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކުރިއިރު، އޭނާގެ ގެއިން ތުހުމަތު ކުރެވޭ "ތަކެތި" ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގަށް ހައްޔަރު ކުރި ޖަވާޒާއި ޒަމީރުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން މިއަދު ވަނީ ޖަހާފަ އެވެ. އެ މީހުންގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ޖެހީ ކިތައް ދުވަހަށް ކަމެއް ނޭނގެ އެވެ.

ހައްޖުގެ އަޅުކަމަށްފަހު ރައީސް ޔާމީން ރާއްޖެ ވަޑައިގެން، ހުޅުލެއިން މާލެއަށް ދަތުރުކުރެއްވި ފިނިފެންމާގައި އެއްޗެއް ގޮވި ހާދިސާގެ ފަހުން އެސްޕީޖީ އިން ރައީސަށް ސެކިއުރިޓީ ދިނުން ހުއްޓާލައި، އެމަނިކުފާނަށް ސެކިއުރިޓީ ދިނުމަށް ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޝަން (ޕީއެސްޑީ) ވަނީ އުފައްދާފަ އެވެ.

އެ ޑިވިޝަން އުފައްދާފައި ވަނީ އެސްޕީޖީގެ އިސްވެރިޔަކަށް ހުންނެވި ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) މާލެ އޭރިއާގެ ކޮމާންޑަރަކަށް ބަދަލުކުރެއްވުމަށްފަހު އެވެ. އެސްޕީޖީގެ ވެރިއަކަށް އައްޔަންކޮށްފައި ވަނީ ކާނަލް އަބްދުއްރަހީމެވެ.