06 Oct 2015, 18:56
ވިލިމާލެ އިންޖީނުގޭގައި ރޯކޮށްލުމަށް ބަޔަކު މަސައްކަތް ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ވިލިމާލެ އިންޖީނުގޭގައި ރޯކޮށްލުމަށް މަސައްކަތް ކޮށްފައި ވަނީ ޕެޓްރޯލް އަޅާފައި ހުރި ފުޅިއެއްގައި ރޯކޮށްލުމަށްފަހު އެވެ. އެހެންނަމަވެސް އެ ހާދދިސާގައި އިންޖީނުގެ އަކަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ރޭ ފަތިހުގެ ވަގުތެއްގައި ވިލިމާލެ އިންޖީނުގޭގައި ރޯކޮށްލަން މަސައްކަތް ކުރުމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެ މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ވިލިމާލެ އިންޖީނުގޭގައި ރޭ ރޯކޮށްލަން ބަޔަކު މަސައްކަތް ކޮށްފައިވާއިރު މިދިޔަ ހަފުތާގެ ތެރޭގައި ހުޅުމާލެ އިންޖީނުގޭގައި ވަނީ ބަޔަކު ރޯކޮށްލައިފަ އެވެ. އެގޮތުން ރޯކޮށްލާފައިވާ ޕެޓްރޯލް ފުޅިއެއް އެއްލާލައިގެން ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އިންޖީނެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަންދައިފައެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ގޭސް ފިހާރައިގައި ވެސް ރޯކޮށްލުމަށް ބަޔަކު މީހުން ވަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އެތަނުގައި އަލިފާންގަނޑު ފެތުރުމުގެ ކުރިން ވަނީ ނިއްވާލައިފައެވެ.