06 Oct 2015, 21:28
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް ތަސްދީގު ނުކުރައްވައި މަޖިލީހަށް ފޮނުވާލެއްވި މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ކޮމެޓީން ފާސްކޮށްފި އެވެ.
ގައުމީ ސަލާމަތު ކޮމެޓީން މިއަދު އެގޮތަށް ނިންމީ އެ ބިލަށް ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގު ހުށަހަޅުއްވާފައިވާ އިސްލާހު މަޖިލީހުން ފާސް ކުރުމުން ރައީސް ޔާމީނު އެ ބިލު ތަސްދީގު ނުކުރައްވައި މަޖިލީހަށް އަނބުރާ ފޮނުވާލެއްވި ސަބަބުތަކުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު އެވެ.
ކޮމެޓީން އެގޮތަށް ނިންމީ އެވަގުތު ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ޠާރިގު ހުށަހެޅުއްވި އިސްލާހުގައި ވަނީ މައާފުކޮށް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިތައް ކަނޑައަޅާފައިވާ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ރ) އަށް އިސްލާހު ގެނައުމަށް ހުށަހަޅައިފައެވެ.
އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ ބާވަތް ބަދަލުކޮށް ދިނުމަކީ ވެސް މައާފްކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިއެއް ކަމަށެވެ.
އެ އިސްލާހު އެގޮތަށް ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި ނަމަ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ގޭބަންދަށް ބަދަލުކުރުމުގެ ބާރު ގާނޫނީ ގޮތުން ރައީސަށް ލިބިގެންދާނެ އެވެ.