27 Mar 2011, 08:14
ބެންޣާޒީ : ގައްޒާފީގެ ބާރުތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ލީބިޔާގެ މުހިއްމު ދެރަށެއް ލީބިޔާގެ އިދިކޮޅު ފަރާތްތަކުން ހިފައިފިއެވެ.
އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނެއް ބުނިގޮތުގައި ބެންޣާޒީގެ ކައިރީގައިވާ ބޮޑު ސިޓީއެއް ކަމަށްވާ އަޖްދާބިޔާއާއި ބެންޣާޒީގެ ހުޅަނގުގައިވާ ތެލުގެ ސިނާޢަތުގެ ރަށެއް ކަމަށްވާ އަލްބްރޭޤާއިން ގައްޒާފީގެ ބާރުތައް ބޭރުކޮށްލުމަށްފަހު މިދެރަށް މިހާރުވަނީ މިނިވަންކުރެވިފައެވެ.
މިއީ، ކުރިން އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވަނިކޮށް ގައްޒާފީގެ ބާރުތައް ބަރުހަތިޔާރު ބޭނުންކޮށްގެން ހިފި ދެރަށެވެ. ގައްޒާފީގެ ސަރުކާރުންވަނީ އިދިކޮޅު ފަރާތްތަކުން އިއްޔެ އަޖްދާބިޔާ އަލުން ހިފިކަމަށް އެއްބަސްވެފައެވެ. ގައްޒާފީގެ ސަރުކާރުގެ މަސްއޫލުވެރިިއެއް ކަމަށްވާ ޚާލިދް ކަޢީމް ވިދާޅުވިގޮތުގައި ހުޅަނގުގެ ވައިގެ ޙަމަލާތަކާ ގުޅިގެން އަޖްދާބިޔާއިން ގައްޒާފީގެ ބާރުތައް ވަނީ ފާބައިފައެވެ.
އަނެއްކޮޅުން ޓްރިޕޮލީގެ އިރުމަތީގައިވާ މިސްރާތާއަށް ގައްޒާފީގެ ބާރުތަކުން ބޮޑުބަޑިއާއި ޓޭންކުން ޙަމަލާތައް ދެމުންގެންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ލީބިޔާގެ މަތިން އުދުހުންމަނާކުރާ ސަރަޙައްދު ޤާއިމް ކުރުމަށް އދ. ން ފާސްކުރި ޤަރާރު ތަންފީޒުކުރުމުގެ ނަމުގައި ޙަރަކާތްތެރިވާ ހުޅަނގުގެ ބާރުތައް ރޭވެސްވަނީ މިސްރާތާގެ ވަށައިގެން ހަރަކާތްތެރިވާ ގައްޒާފީގެ ބާރުތަކަށް ވައިގެ ޙަމަލާތައްދީފައެވެ. މިކަން ހުޅަނގުގެ ބާރުތަކުގެ ކޮމާންޑުންވެސްވަނީ ކަށަވަރުކޮށްދީފައެވެ.
މިސްރާތާއަކީ ލިބިޔާގެ ތިންވަނައަށް އެންމެ ބޮޑު ސިޓީއެވެ. މިރަށުގައިވާ ކަނޑުގެ ބަނދަރުން ފުރުމަށްޓަކައި ލީބިޔާގައި ދިރިއުޅޭ ބޭރުގެ އެތަށް ހާސްބަޔަކު ތައްޔާރަށް އެބަތިކަމަށް ޚަބަރުތައް ބުނެއެވެ.
އެމެރިކާވަނީ ގައްޒާފީގެ ސަރުކާރުގެ ބައެއް އިސް މަސްއޫލުވެރިން ދުނިޔޭގެ ޤައުމުތަކުގެ ބައެއް ލީޑަރުންނާ ގުޅުއްވައި ގައްޒާފީގެ ވެރިކަމަށް ކުރިމަތިވެފައިވާ މައްސަލަތަކުން ބޭރުވެވޭނެ އަލިމަގެއް ފެނޭތޯ ބައްލަވަމުން ގެންދާކަން ހާމަކޮށްފައެވެ.
ނަމަވެސް މިގުޅުންތައް ކުރިޔަށްދަނީ ގައްޒާފީއާއި އޭނާގެ ޢައިލާ ޤައުމުން ބޭރަށް ފިއްލަވައިގެން ދެވޭނެގޮތަކާބެހޭގޮތުންކަން ނުވަތަ ނޫންކަން އެނގިފައެއް ނުވެއެވެ. -- އަލްޖަޒީރާ، ބީބީސީ