ސައުތު އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަންގެ ނައިބުރައީސަކަށް ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠޮލާލް އައްޔަންކޮށްފިއެވެ.

އިންޑިއާގެ ނިއުދިއްލީގައި މިހަރު ކުރިއަށްދާ ސައުތު އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަންގެ ކޮންގުރެސްގައި ތޮލާލް މިމަގާމަށް އައްޔަން ކުރިއިރު އޭނާއަށް ހުރިހާ ގައުމަކުންވެސް ވަނީ ތާއީދުކޮށްފައެވެ.

ނިއުދިއްލީގައި ހުންނަވައި ޠޮލާލް ވިދާޅުވީ، މިމަގާމަށް ކުރިމަތި ލެއްވުމުގެ ކުރިން އެކަމުގެ ހިޔާލު ސާކުގެ ބައެއް އެސޯސިއޭޝަންތަކާއެކު މަޝްވަރާ ކޮށްފައިވާނެ ކަމަށާއި އޭނާ ކުރިމަތިލެއްވުމުގެ ހިޔާލު ގެންގުޅުއްވައި އެވާހަކަތައް ހިއްސާ ކުރެއްވުމުން އެގައުމުތަކުންވެސް އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ސައުތު އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަންގެ އަނެއް ދެ ނައިބުރައީސުންނަކީ ލަންކާއާއި ނޭޕާލްގެ ބޭފުޅުންނެވެ.

ތޮލާލް ވިދާޅުވީ، ފަހަކަށް އައިސް އެތުލެޓިކްސްއިން ރާއްޖެ ހޯދަމުންދާ ކާމިޔާބުތައް ދެކުނު އޭޝިއާގެ މެންބަރު އެސޯސިއޭޝަންތަކުން ފާހަގަކޮށްފައިވާ ކަމަށާއި އަދި ރާއްޖޭގެ އެތުލެޓިކްސް ކުރިއެރުވުމަށް ގައުމުތަކުން އެހީތެރިވެދެއްވާނެ ކަމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.