ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕާލިމެންޓަށް އިނގިރޭސިވިލާތުގެ ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީން ރާއްޖެއާ ދެކޮޅަށް އިތުރު ގަރާރެއް ފާސްކުރަން ތައްޔާރުވަމުން ދާކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި އިނގިރޭސި ކޮންޒަވޭޓިވް ޕާޓީން ރާއްޖެއާ ދެކޮޅަށް ގަރާރެއް ފާސްކުރަން ތައްޔާރުވަމުންދާ ކަމަށް ލިޔެފައިވީ ނަމަވެސް އެއީ ކޮން ކަމަކާ ގުޅޭގޮތުން ފާސްކުރާ ގަރާރެއް ކަމެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.

ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާ ހިލާފަށް ރާއްޖޭގެ ވެރިން އަމަލުކުރަމުންދާ ކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް ވަނީ އީޔޫގެ ޕާލަމެންޓުން ގަރާރެއް ފާސްކޮށްފައެވެ. މިދިޔަ އޭޕްރިލް މަހުގައި ފާސްކުރި ގަރާރުގައި ބުނެފައިވަނީ ރާއްޖޭގައި ކުރާ ސުލްހަވެރި މުޒާހަރާތަކާ ދެކޮޅަށް އަނިޔާވެރިވުން ހުއްޓައިލުމަށެވެ. އަދި މަރުގެ އަދަބު އަލުން ތަންފީޒު ނުކުރުމަށްވެސް އެ ގަރާރުގައި ވަނީ ގޮވާލައިފައެވެ.

ރާއްޖެއާ ދެކޮޅަށް އަލުން ގަރާރެއް ހުށަހަޅަން ކޮންޒަވޭޓިވް ޕާޓީން މަސައްކަތް ފަށައިފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުކުމް އިއްވާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމާފައިވަނިކޮށެވެ.

އެ ނިންމުމުގައި ބުނެފައިވަނީ ރައީސް ނަޝީދާ ދެކޮޅަށް އިއްވާފައިވަނީ ގާނޫނާ ހިލާފު ހުކުމެއް ކަމަށެވެ. ނަމަވެސް އެ ނިންމުން ސަރުކާރުން ގަބޫލު ނުކުރާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަނީ ވިދާޅުވެފައެވެ.