ރާމަﷲ (އޮކްޓޯބަރު 6): އިސްރާއީލުން މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ކުރަމުން ގެންދާ ގޯނާކުރުންތަކާ ގުޅިގެން އިސްރާއީލު ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ފަލަސްތީނުގެ އިތުރު ކުޑަކުއްޖަކު ޝަހީދުކޮށްލުމުގެ އިތުރުން އެތަށް ބަޔަކު ޒަޚަމްވެއްޖެއެވެ.

މި ކުރިމަތިލުންތައް ހިނގަމުންދަނީ ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކުގައާއި އިރުމަތީ ގުދްސުގައެވެ. މި ކުރިމަތިލުންތައް ފެށިފައިވަނީ ފަލަސްތީނުގެ ރައްޔިތުން މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ނަމާދަށް ދިޔުމަށް ހުރަސްއަޅައި އެމިސްކިތަށް ވަނުން މަނާކުރުމުގެ އިތުރުން މަސްޖިދުލްއަގްސާގައި އަޅުކަންކުރަންތިބޭ ފަލަސްތީނުގެ މީހުންވެސް އެތަނުން ބޭރުކުރުމުގެ ހަރުކަށި އަމަލުތަކެއް އިސްރާއީލުން ހިންގަން ފެށުމާގުޅިގެންނެވެ.

ޔަހޫދީ ސިފައިން މަސްޖިދުއްސަޚްރާ އަށް ވަންނަނީ

އިސްރާއީލުން، މަސްޖިދުލްއަގްސާ އަށް ފަލަސްތީނު މީހުން ވަނުން، މަނާކުރަމުން މިގެންދަނީ އެ ހަރަމްފުޅުގެ ތެރެއަށް ޔަހޫދީ ވަޒަންވެރިންނާއި ޔަހޫދީ ހައްދު ފަހަނަޅާފައިވާ ޖަމާއަތްތަކަށް ނިސްބަތްވާ ހަރުކަށި މީހުން ވެއްދުމަށްޓަކައެވެ. ޔަހޫދީ ހައްދު ފަހަނަޅާފައިވާ މީހުން މަސްޖިދުލްއަގްސާގެ އެތެރެއަށް ވައްދާވަގުތު ފަލަސްތީނު މީހުން އެތަނުން ބޭރުކޮށް ނަމާދުކުރުންވެސް މަނާކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގައި ފަލަސްތީނުމީހުން ހަރުކަށި ޔަހޫދީންނަށް ހަމަލާދީފާނެތީ އެކަން މަނާކުރުމުގެ ގޮތުން ކަމަށް އިސްރާއީލުން ބުނެއެވެ.

ޔަހޫދީންގެ ހައްދުފަހަނަޅާފައިވާ ފަރާތްތައް މާތްވެގެންވާ މަސްޖިދުލްއަގްސާ އަށް ވަންނަމުންދަނީ އިސްރާއީލު ސިފައިނާއެކު އެމީހުންގެ ޙިމާޔަތުގައެވެ. މާތްވެގެންވާ މަސްޖިދުލްއަގްސާ ގެ އެތެރެއަށް ވަނުމުގެ ފުރްސަތު ދޭ ހަރުކަށި ޔަހޫދީންނަކީ މުސްލިމުންގެ އެ މުގައްދަސް ބިނާ ހުރިތަނަކީ ޔަހޫދީންގެ ޒަމާންވީ ފައްޅިއެއް ހުރިތަނެއް ކަމަށްބުނެ މާތްވެގެންވާ މަސްޖިދުލްއަގްސާ ތަޅާލުމަށް ފާޅުގައި ގޮވާލާ ހައްދު ފަހަނަޅާފައިވާ ޔަހޫދީންނެވެ.

ފަލަސްތީނު ރައްޔިތުން މަސްޖިދުލްއަގްސާއިން ބޭރުކުރުމަށްފަހު މިފެންވަރުގެ ދަށުދަރަޖައިގެ ހަރުކަށި ޔަހޫދީން އެ މިސްކިތަށް ވައްދައި އެމުގައްދަސް ބިނާގެ ހުރްމަތް ކަނޑާލުމަކީ މިހާތަނަށް އިސްރާއީލަށް ކުރަންކެރިފައިވާ ކަންކަމެއްނޫނެވެ. މިއީ މިފަދަ ކަމެއް މިހާ ހަރުކަށި ގޮތަކަށް އިސްރާއީލުންކުރާ ފުރަތަމަ ފަހަރެވެ. ކުރިން އިސްރާއީލުގެ ވަޒީރުންވެސް މަސްޖިދުލްއަގްސާގެ އެތެރެއަށް ވަނުމަށް ޖެހިލުންވެއެވެ.

މިކަން އިސްރާއީލުން މިހާރު ފަށާފައިމިވަނީ އަރަބި ގައުމުތައް ދާޚިލީ ހަނގުރާމަތަކެއްގެ ތެރެއަށް ޣަރަގުވެފައިވާ މިދަނޑިވަޅުގެ ނާޒާއިޒު ފައިދާ ނަގައިގެންނެވެ. މިއީ ސޫރިޔާއާއި ޔަމަނާއި އިރާގާއި ލީބިޔާފަދަ ގައުމުތަކުގެ ދާޚިލީ ހަނގުރާމަތަކުގައި އަރަބި ގިނަ ގައުމުތަކެއް ސީދާ ގޮތުންނާއި ނުސީދާ ގޮތެއްގައި ބައިވެރިވުމުގެ ސަބަބުން އަރަބި ގައުމުތަކާއި އިސްލާމީ އުންމަތް ވަރަށް ބޮޑަށް ނިކަމެތިވެފައިވާ ދުވަސްވަރެކެވެ.

ޔަހުދީ ސިފައިން

އަރަބި ގައުމުތައްވަނީ ފަލަސްތީނުގެ މައްސަލައަށްވުރެ އެއްގައުމު އަނެއްގައުމާމެދު ގެންގުޅޭ ރުޅިވެރިކަމާއި ހަސަދައިގެ ކަންތައްތައް އިސްކޮށްފައެވެ. މިގޮތުން އިސްރާއީލާ ދެކޮޅަށް އެންމެ ވަރުގަދައަށް ޖިހާދު ކުރަމުން ގެންދިޔަ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންވެސް ވަނީ ފަލަސްތީނުގެ މައްސަލަ އެއްފަރާތް ކުރުމަށްފަހު ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ބައިވެރިވެފައެވެ. އަދި ފަލަސްތީނުގެ މައްސަލާގައި އެންމެ ބޮޑަށް ވަކާލާތުކުރާ އީރާނުންވެސް ގެންދަނީ ސޫރިޔާއަށްވަދެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އިސްލާމީ އެންމެ ނުފޫޒުގަދަ ގައުމުކަމަށްވާ ސައޫދީ އަރަބިޔާވެސް ވަނީ ފަލަސްތީނުގެ މައްސަލަ އޮތްތަނުގައި ބޭއްވުމަށްފަހު ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އަސްކަރީ ގޮތުން ވަދެގަނެ އެގައުމުގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރު ހިމާޔަތް ކުރުމަށް ހަނގުރާމަ ފަށައި އެތައް ބިލިޔަން ޑޮލަރެއް ޔަމަންގެ ހަނގުރާމައަށް ޚަރަދުކުރަން ފަށާފައެވެ. މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ވަނީ އިސްރާއީލާއެކު ސުލްޙަ ވުމަށް އަރަބި ގައުމުތަކަށް މި ހަފްތާގެ ކުރީކޮޅު ގޮވާލައްވާފައެވެ. މީގެއިތުރުން މިސްރުގެ މުޖްތަމައުވެސްވަނީ ސިޔާސީ އަރާރުންތަކާއި ދާޚިލީ ފިތުނައިގެ ތެރެއަށް ގެނބިފައެވެ.

މި ހުރިހާ ކަންތައްތަކުގެ ސަބަބުން އަރަބި ގައުމުތަކާއި އިސްލާމީ އުންމަތް މިދުވަސްވަރު ވަނީ ވަރަށް ބޮޑަށް ނިކަމެތިވެ އިންދިރާސްވެފައެވެ. އެހެންކަމުން އިސްރާއީލުން މާތްވެގެންވާ މަސްޖިދުލްއަގްސާއާ ދެކޮޅަށް މިފަދަ ހަރުކަށި އަމަލުތަކެއް ހިންގައި އެމިސްކިތުގެ ހުރްމަތް ކަނޑައި އެމިސްކިތަށް ފަލަސްތީނުގެ މުސްލިމުން އެރުން މަނާކޮށް އެމިސްކިތް ތަޅާލުމަށް ގޮވާލާ ޔަހޫދީ ހަރުކަށި ފަރާތްތައް ވައްދަމުން ގެންދާއިރުވެސް އެކަމާދެކޮޅަށް އަރަބި ގައުމުތަކަށްވެސް އަދި އިސްލާމީ އުންމަތަށްވެސް މާބޮޑުކަމެއް ނުކުރެވޭނެކަން އިސްރާއީލަށް އެނގެއެވެ.

ނަމަވެސް އިސްރާއީލުގެ މި އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނުގެ ނިކަމެތި އާންމު ރައްޔިތުން ގެންދަނީ ވަރަށް ބޮޑަށް ތެދުވެ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކާ ކުރިމަތިލަމުންނެވެ. މިގޮތުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިންނާއި ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެމެދު މިދިޔަ ހަފްތާއިން ފެށިގެންދަނީ ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންނެވެ.

ހޯމަދުވަހު ޔަހޫދީ ވަޒަންވެރިއަކު ފަލަސްތީނުގެ 14 އަހަރުގެ ފިރިހެން ކުއްޖެއްގެ މެޔަށް ވަޅިޖަހައި ޒަޚަމްކޮށްލާފައިވާއިރު އިސްރާއީލު ސިފައިން ފަލަސްތީނުގެ ޒުވާނަކާއި އަދި ފަލަސްތީނުގެ 13 އަހަރުގެ ކުޑަކުށްޖެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލާފައިވަނީވެސް މި ކުރިމަތިލުންތަކުގެ ތެރެއިންނެވެ. (ނޫސްއެޖެންސީތައް)