ވޯލްޑް ކަޕް ކޮލިފައިންގައި މެލޭޝިޔާގައި އެ ގައުމާ ދެކޮޅަށް ސައުދީ އަރަބިއްޔާ ބައްދަލު ކުރި މެޗްގައި މެލޭޝިޔާ ސަޕޯޓަރުންގެ ފަރާތުން ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އެ ގައުމުގެ ފުޓްބޯޅަ އިދާރާ ޖޫރިމަނާކޮށް ސަޕޯޓަރުން ނުވައްދައި ވޯލްޑް ކަޕް ކޮލިފައިންގެ މެޗެއް ކުޅެން ނިންމައިފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މެލޭޝިޔާއާގައި އަންނަ މަހުގެ 17 ވަނަ ދުވަހު ޔޫއޭއީއާ ދެކޮޅަށް އެ ގައުމު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މެޗު ކުޅޭނީ މެލޭޝިޔާގެ ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ.

މިދިޔަ ސެޕްޓެމްބަރު އަށް ވަނަ ދުވަހު މެލޭޝިޔާގެ ދަނޑުގައި ކުޅުނު މެޗްގެ 87 ވަނަ މިނިޓްގައި ރެފްރީ ވަނީ ކުޅުން ހުއްޓާލާފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މެލޭސިޔާއާއި ސައުދީ އަރަބިއްޔާ މެލޭސިޔާ ދަނޑުގައި ކުޅުނު މެޗްގައި ސަޕޯޓާރުން ކޮންޓުރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރި ވަނީ --- ފޮޓޯ: މިރަރ

ސައުދީ އާއި މެލޭޝިޔާ ބައްދަލުކުރި މެޗުގެ ކުޅުން ހުއްޓާލަން ޖެހުނީ މެލޭޝިޔާގެ ސަޕޯޓަރުން ދަނޑު މައްޗަށް ބަޑި ބޭހާއި ދުން ބޯޅަ ފަދަ އެއްޗެތި އުކައި ހަމަނުޖެހުން ހިންގުމުންނެވެ. މެޗު މެދު ކަނޑާލިއިރު މެލޭޝިޔާ އޮތީ 1-2 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

އެ މެޗްގައި ހިނގައި ދިޔަ ކަންތައްތަކާއި އެ ހާދިސާގެ ސީރިއަސް ކަމުން ފުޓްބޯޅައިގެ މައި އިދާރާ ފީފީ ގެ ޑިސިޕްލަނަރީ ކޮމެޓީން އެ ކަންތައްތައް ތަހުގީގު ކުރުމަށް ފަހު ވަނީ މެލޭޝިޔާގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިންގެ ކުރިޔަށް ހުރި މެޗްތައް ސަޕޯޓަރުން ނުވައްދައި ކުޅޭ ގޮތަށް ނިންމާފަ އެވެ.