26 Mar 2011, 23:33
މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ލިބެމުންދާ ގެއްލުންތަކަށް މީހުން ހޭލުންތެރިކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ "އާތު އަވާ" ރާއްޖޭގައި ވެސް މިރޭ ފާހަގަކޮށްފި އެވެ.
އާތު އަވާ ނުވަތަ ދުނިޔެއަށްޓަކައި އެއްގަޑިއިރު ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޮފީސްތަކާއި ގެތަކާއި އެހެނިހެން އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓު މަދުކުރުމަށް މިރޭ 8:30 އިން 9:30 އަށް ބޮކިތައް ނިއްވައިލައިފަ އެވެ. އަދި ރާއްޖޭގެ ބައެއް ޓީވީ ސްޓޭޝަންތަކާއި ރޭޑިއޯ ސްޓޭޝަންތަކުގެ ޓްރާންސްމިޝަންވެސް ވަނީ އެ އެއް ގަޑިއިރަށް މެދުކަނޑާލައިފަ އެވެ.
އާތު އަވާ ފާހަގަކުރުމަށްޓަކައި މާލޭގެ ބައެއް ރެސްޓޯރެންޓުތަކާއި އަދި ފިހާރަތައްވެސް އަނދިރިކޮށްލައިފައި ވެއެވެ. އަދި އާޓިފިޝަލް ބީޗަށް ވެސް ގިނަ އަދަދެއްގެ ޒުވާނުން ވަނީ އުއްބަތި ހިފައިގެން އެއްވެފަ އެވެ. އެތަނުގައި ޚާއްސާ ޝޯވ އެއްވެސް ވަނީ ބާއްވައިފަ އެވެ.
މިއަދު ހަވީރު އާތު އަވާ ފާހަގަކުރުމަށް ހާއްސަ ހިނގާލުމެއްވެސް ވަނީ ބާއްވައިފަ އެވެ. އެ ހިނގާލުމުގައި އެކި އުމުރުފުރާތަކުން ގިނަ އަދަދެއްގެ މީހުންނާއި ސަރުކާރުގެ އޮފިޝަލުން ބައިވެރިވި އެވެ.
މިއަހަރުގެ އާތު އަވާގައި 134 ގައުމަކުން އެތައް މިލިއަން ބަޔަކު ބައިވެރިވާނެ ކަމަށް ލަފާކުރެވެ އެވެ. ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ ގަޑިން ރޭގަނޑު 8:30 އިން ފެށިގެން 9:30 އަށް ބޮކިތައް ނިއްވާލުމުގެ މި ހަރަކާތް "އާތު އަވާ" ގެ ނަމުގައި އެންމެ ފުރަތަމަ ފަށާފައި ވަނީ 2007 ވަނަ އަހަރު އޮސްޓްރޭލިއާގެ ސިޑްނީގަ އެވެ. އެފަހަރު ގޭގެ އާއި އޮފީސް އަދި ފިހާރަތަކުން 2.2 މިލިއަން މީހުން އެއް ގަޑިއިރަށް ބޮކިތައް ނިއްވާލާފައިވެ އެވެ.
ނަމަވެސް ޖެހިގެން އައި އަހަރު އާތު އަވާގެ މަގްބޫލުކަން އިތުރުވެ، 50 ގައުމަކުން 35 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ. އަދި އާތު އަވާ 2009 ގައި ދުނިޔޭގެ 88 ގައުމަކުން ބައިވެރިވެފައިވާއިރު، 4000 އަށް ވުރެ ގިނަ ސިޓީތަކުގައި ވެސް ވަނީ މިކަން ފާހަގަކޮށްފަ އެވެ. މިދިޔަ އަހަރު 125 ގައުމަކުން ބައިވެރިވި އެވެ.