07 Oct 2015, 01:49
ބޮޑު ބަޖެޓަކާއެކު ތައްޔާރު ކުރާ ފިލްމު "އަހުޝަމް"ގެ ރަސްމީ ޓްރެއިލަރާއި ޕޯސްޓަރު ތައާރަފްކޮށްފިއެވެ.
މިރޭ ސަލްސާ ރޯޔަލްގައި ބޭއްވި ހަފްލާއެއްގައި ފިލްމުގެ އޮފިޝަލް ޓްރެއިލާ ރަސްމީކޮށް ލޯންޗު ކުރައްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އެވެ. ފިލްމުގެ ޓްރެއިލާ އާއި ޕޯސްޓަރު ނެރެފައިވާއިރު އެ ފިލްމުގެ ޓީޒާއެއް ވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު ރިލީޒްކޮށްފައެވެ.
މިރޭގެ ހަފްލާގައި ފިލްމުގެ ޑައިރެކްޓަރު އަދި އެކްޓަރު ސީޒަން ވާހަކަ ދައްކަމުން ބުނީ، ފީޗާ ފިލްމު އަހުޝަމް ނެރުމަށް ނިންމާފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. އެގޮތުން ފިލްމުގެ ހުރިހާ މަސައްކަތެއް ވަނީ މިދިޔަ މަހުގެ ތެރޭގައި ނިމިފައެވެ.
"އަހުޝަމް"ގެ ޓްރެއިލާ އާއި ޕޯސްޓަރު ލޯންޗު ކުރުމަށް ސަލްސާ ރޯޔަލްގައި މިރޭ ބޭއވްި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން
ސީޒަންގެ ހިޔާލެއްގެ މައްޗަށް މަހުދީ އިމާދާއި އަހްމަދު ޒަރީރު (ޒައްރަ) ލިޔެފައިވާ ސްކްރީން ޕްލޭއަކަށް އުފައްދާފައިވާ އެ ފިލްމަކީ މުޖުތަމައުގައި ހިނގާ އެކިއެކި މައްސަލަތަކުގެ މައްޗަށް ބިނާކޮށް އެކަންތައް ދައްކުވައިދޭ ފިލްމެކެވެ. ތިނެސްކަން ލޯތްބާއި އާއިލީ ދިރިއުޅުމާއި ތަޅާފޮޅާ މަންޒަރުތައް ދައްކުވައިދޭ މި ފިލްމަކީ ވަރަށް ތަފާތު ފިލްމަކަށް ވެގެންދާނެ ކަމަށް އެސް ޕްރޮޑަކްޝަނުން ބުންޏެވެ.
ކުޅުދުއްފުށީގައި ކުޅުމަށް ހަމަޖައްސާފައިވާ މި ފިލްމްގެ މެއިން ކެރެކްޓާ "އަހުޝަމް"ގެ ރޯލުން ސީޒަން ފެނިގެންދާއިރު އޭގެ އިތުރުން މަޝްހޫރު ތަރި އައިމިނަތު ރިޝްފާ އާއި ޒީނަތުއާއި އާރިފާ އަދި ރޯނު ހަަސަން މަނިކު ވެސް ފިލްމްގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނެ އެވެ.
އަހުޝަމް އުފެއްދުމަށް 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އެފިލްމްގެ ޕާޓްނަރުންގެ ތެރޭގައި މޯލްޑިވިއަން، ޑިޖިޓަލް ސްޓޫޑިއޯ، ކޮކާކޯލާ ކޮންޕެނީ، ޓޮމީ އިންޖީނިއަރިން އަދި މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ރާއްޖެޓީވީ ހިމެނެ އެވެ.