06 Oct 2015, 15:38
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ކަރަންސީ ކޮންފަރެންސް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ފަށައިފިއެވެ.
ފައިސާ ޕްރިންޓްކުރާ ދުނިޔޭގެ އެއްމެ ބޮޑު ކުންފުނި ޑެލާރޫ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގުޅިގެން ބާއްވާ އެ ކޮންފަރެންސްގައި މި ސަރަހައްދުގެ ގައުމުތަކުގެ ފަނަރަ ފަރާތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ސްރީލަންކާ، ނޭޕާލް، އޮންޑޮނީޝިއާ، ސީޝެލްސް، ގަތަރު އަދި ފިޖީގެ އޮފިޝަލުން ބައިވެރިވެއެވެ.

ކަރަންސީ ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/އެމްއެމްއޭ
ދެ ދުވަހަށް ކުރިއަށްގެންދާ އެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވާނާ ޑރ. އަޒީމާ އާދަމް ވިދާޅުވީ މިވަގުތަކީ ކަރަންސީ ކޮންފަރެންސެއް ރާއްޖޭގައި ބާއްވަން އެއްމެ މުނާސަބު ވަގުތު ކަމަށެވެ. އެއީ އަންނަ މަހު ރާއްޖޭގައި އާ ނޫޓް ސީރީސް އެއް ނެރޭތީ ކަަމަށް އަޒީމާ ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުގެ ކަރަންސީ ޕްރިންޓްކުރާ ކުންފުނި ޑެލާރޫ އާއި ރާއްޖެ އާއި ދެމެދު އޮތީ ވަރަށް ފުރިހަމަ ގުޅުމެއް ކަމަށް އަޒީމާ ވިދާޅުވިއެވެ.

ކަރަންސީ ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ގަވާނާ އަޒީމާ ވާހަކަ ދައްކަވަނީ -- ފޮޓޯ/އެމްއެމްއޭ
ކަރަންސީ ކޮންފަރެންސް ޝަރަފްވެރިކޮށްދެއްވީ ސްރީލަންކާގެ މަރުކަޒި ބޭންކުގެ ގަވާނާ އަރުޖުނާ މަހެންދުރަން އެވެ. އޭނާ ވަނީ އިގްތިސާދީ ގޮތުން ވަކިން ޚާއްސަކޮށް ޓުއަރިޒަމް ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކަށް ތައުރީފްކޮށްފައެވެ. އަދި ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކުން ފިލާވަޅު ލިބިގަންނަނަށް ބޭނުންވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

ކަރަންސީ ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ސްރީލަންކާގެ ގަވާނާ އަރުޖުނާ މަހެންދުރަން -- ފޮޓޯ/އެމްއެމްއޭ
އެ ކޮންފަރެންސްގައި މަޝްވަރާކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ފައިސާ ތަކުގެ ޑިޒައިން އާއި ފައިސާގެ ސެކިއުރިޓީ ފީޗާސް ތަކާއި އަދި ވަގުނޫޓް ހަދާ މީހުން ގެންގުޅޭ ފަހުގެ ޓެކްނިކްސްތައް ދެނެގަންނާނީ ކިހިނެއް ކަން ހިމެނެއެވެ.