06 Oct 2015, 14:50
ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގަށް ތިން މީހަކު ހައްޔަރުކޮށްފައިވާކަން "ސަން"އަށް އެނގިއްޖެ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސިފައިންގެ ތިން މީހެކެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން ސިފައިންގެ އެކަކަކީ ބަންޑާރަކޮށީގެ ބަޑިގުދަނުގައި މަސައްކަތް ކުރާ މީހެއްކަން ވެސް ވަނީ އެނގިފަ އެވެ. އޭނާ ދިރިއުޅޭ ގެ ފުލުހުންގެ ޓީމަކުން ރޭ ބަލައި ފާސްކޮށްފައިވާ ކަމަށްވެ އެވެ.
ސިފައިންގެ މައި އިދާރާ ބަންޑާރަކޮންޓަށް ފުލުހުންގެ ފޮރެންސިކް ޓީމަކުން ރޭ ވަދެފައިވާކަން ވެސް "ސަން"އަށް ވަނީ އެނގިފަ އެވެ.
އެކަމާ ގުޅޭ ގޮތުން "ކޮމެންޓެއް ކުރަން ބޭނުން ނުވާ" ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ފަހުން، ރައީސް އަބްދުﷲ ޔާމީނަށް ސެކިއުރިޓީ ދިނުމަށް ސިފައިންގެ ތެރޭގައި ވަނީ ހާއްސަ ޑިވިޝަނެއް އުފައްދާފަ އެވެ. އަދި ސްޕެޝަން ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އިން ވަނީ ރައީސަށް ސެކިއުރިޓީ ދިނުން ހުއްޓާލާފަ އެވެ.
އެސްޕީޖީ ގްރޫޕުން މިހާރު ސެކިއުރިޓީ ދެމުން ގެންދަނީ ކުރީގެ ރައީސުންނަށާއި ނައިބު ރައީސަށާއި މަޖިލީހުގެ ރައީސާއި އުއްތަމަފަނޑިޔާރަށާއި ބައެއް ވަޒީރުންނަަށެވެ.
ރައީސް ޔާމީނަށް ސެކިއުރިޓީ ދިނުމަށް ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޝަން (ޕީއެސްޑީ)ގެ އުފައްދާފައި ވަނީ އެސްޕީޖީގެ އިސްވެރިޔަކަށް ހުންނެވި ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) މާލެ އޭރިއާގެ ކޮމާންޑަރަކަށް ބަދަލުކުރެއްވުމަށްފަހު އެވެ.