ދެނަމާދު ދޭތެރޭގެ ވަގުތެވެ. މިސްކިތާ ދިމާއަށް ހިނގައިގަތީ މަޣުރިބު ނަމާދުގެ ވާޖިބު އަދާކޮށްލުމުގެ ނިޔަތުގަ އެވެ. ވުޟޫކޮށްލުމަށްޓަކައި އިސްކުރުބަރިއާ ދިމާއަށް މިޞްރާބު ޖެހިއިރު، އެގާރަ ބާރަވަރަކަށް އަހަރުގެ ތިން ކުއްޖަކު އެތަނުގައި ވުޟޫކުރަން ތިއްބެވެ. ނޫނެކެވެ. ވުޟޫ ކުރާކަށް ނޫނެވެ. އެއްކުއްޖަކު އަނެއް ކުއްޖަކަށް ސަކަރާތް ޖަހަނީ އެވެ. އެކަކު އަނެކަކުގެ ގަޔަށް ފެންޖަހާ މަޖާ ނަގަނީ އެވެ.

އެކުދިންނާ ޖެހިގެން އެއް އިސްކުރު ދޫކޮށްފައި މެދު އުމުރުގެ މީހަކު ވުޟޫކުރަން އޮތެވެ. އެއްކުއްޖަކު އަތް ގޮށްޓަށް ފެން އަޅާފައި އަނެއްކުއްޖާއާ ދިމާއަށް އުކާލި އެވެ. އެކުއްޖާ އެ ފެންގޮށިން ރެކުނެވެ. ޖެހުނީ އެއްކަމަ މީހާގެ ގަޔަށެވެ. ގަމީހުން ބައެއް ފޯވެއްޖެ އެވެ. ހުރިހާ ކުދިން ޕަކަ ޕަކަ އަޅާފައި ހީނގަތެވެ. ވީ މަޖަލެވެ. އެ މީހާ ހިންދެމިލާފައި، ވަރަށް ރީތިކޮށް، މަޑުމައިތިރި އަޑަކުން، އެކުދިންނާ މުޚާތަބުކުރި އެވެ. މިއީ މިސްކިތެއްކަން ހަނދާންކޮށް ދިނުމަށެވެ. ސަކަރާތް ނުގަތުމަށް ނަސޭހަތްތެރިވާށެވެ.

ދެނަކާ ދެނެއް ނެތެވެ. ހީވީ އެމީހާގެ ގަޔަށް ބޮލަށް އަރައިގަތް ހެންނެވެ. ކަލެއަކާ ބެހޭކަމެއް ނޫނެވެ. މީ ކަލޭގެ ގެއެއް ނޫނެވެ. ހަދާނީ ބޭނުން ގޮތެކެވެ. ކަލޭތީ ކާކުހެއްޔެވެ؟ އެންމެ ލަފުޒެއްވެސް ބުނެލާނެ ފުރުޞަތެއް އޭނާއަކަށް ނުދިނެވެ. އެމީހާއަށް ޖެހުނީ އިސް އޮބާލައިގެން އެނބުރި ދާށެވެ. ހިތަށް އެރި އެވެ. ސަހަރޯ އެވެ. އެކަމަކު މިއީ ބޮޑުވަރެވެ. އެއީ އެކުދިންގެ ކާފައާ އެއްއުމުރުގެ މީހެކެވެ. އިޙުތިރާމް ކުރުމުގެ އެއްވެސް ސިފައެއް ނެތެވެ.

ދިވެހި ތާރީޚީ ފޮތްފޮތުގެ ޞަފުޙާތަކުގައި ލިޔެފައި ހުއްޓާ ފެނެއެވެ. ދިވެހިންނަކީ މަޑުމައިތިރި، އެކަކު އަނެކަކަށް ކަމޭހިތާ، އިހުތިރާމްކުރާ ބައެކެވެ. އަދިވެސް މިފަދަ ރީތި އެތައް ސިފަތަކަކާ ދިވެހިންނާ ގުޅުވައިގެން ލިޔެފައި ހުންނާތީ ފެނެ އެވެ. އެކަމަކު މިއަދު މި ސިފަތައް ދިވެހިންގެ ކިބައިގައި ހުރީ ކިހާ ވަރަކަށް ބާވައެވެ؟ އެފަދަ ލިޔުމެއް ލިޔާ މީހަކު، ދިވެހިންނާ ގުޅުވައިގެން އެފަދަ ސިފަތަކެއް ގެނެސްފާނެބާވަ އެވެ؟

ޝައްކެއްނެތި އެނގޭ ކަމަކީ މިއަދު ދިވެހިންގެ ކިބައިގައި، ކުރިން އެ ހުރި، އިހުތިރާމް ކުރުމުގެ ސިފަ ނެތްކަމެވެ. މީހަކު ރަނގަޅަކަށް ވެސް އެއްޗެއް ބުނެފިނަމަ، އެއާވިއްދާ ތިންހަތަރު ބަސް ބުނެލުމަކީ، ދުލަށް ބުރަކަމެއް ނޫނެވެ. މިބަލި މުޅި މުޖުތަމަޢުގައި ވެސް ވަނީ އަށަގެންފަ އެވެ. ވެރިންނަކަށް ރައްޔިތުން އިޙުތިރާމެއް ނުކުރެ އެވެ. މުދައްރިސުންނަކަށް ދަރިވަރުން އިޙުރިރާމެއް ނުކުރެ އެވެ. މައިން ބަފައިންނަކަށް ދަރިން އިހުތިރާމެއް ނުކުރެ އެވެ. ބޮޑެތި މީހުންނަކަށް ކުޑަކުދިން އިޙުތިރާމެއް ނުކުރެ އެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް މިއީ މިއަދުގެ ދިވެހި މުޖުތަމަޢުގައި ކަން އޮތް ގޮތެވެ.

ދީނީ ނަޒަރަކުން ބެއްޔަސް އެކަކު އަނެކަކަށް އިހުތިރާމް ކުރުމަކީ އޮންނަންޖެހޭ ކަމެކެވެ. އަމިއްލަ ފައިދާއާއި މަޞްލަޙަތަށް އެކަންޏެއް ނޫނެވެ. އަނެކާގެ ފައިދާއަށްޓަކަ އެވެ. މުޅި މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައި ވެސްމެ އެވެ. އެހެންނަމަވެސް މިއަދު ދިވެހި މުޖުތަމަޢަށް ކަޅި ހިންގައިލާއިރު، ޚާއްޞަކޮށް ޒުވާނުންގެ ކިބައިން މި ސިފަ ފެންނަލެއް ވަރަށް ކުޑަ އެވެ.

އެކަކު އަނެކަކަށް އިޙުތިރާމް ކުރުމަކީ ތަހުޒީބާ އިދިކޮޅު، "ކަޓް" ސިފައެއްކަމަށް ގަބޫލުކުރާ ބަޔަކުވެސް މިއަދު މި މުޖުތަމަޢުގައި އުޅެއޭ ބުނުމަކީ ގޯހެއް ކަމަކަށް ނުދެކެމެވެ. އެފަދަ ފަރާތްތަކުން ދެކޭ ގޮތުގައި އެންމެ މޮޅު މީހާއަކީ، އެންމެ ގަދަ މީހާއަކީ، ކުޑަ އެއް ބޮޑެއް، ފިރިހެނެއް، އަންހެނެއް ބެލުމެއްނެތި، ހިތު ހުރި އެއްޗެއް ބުނެލަން ކެރޭ މީހާ އެވެ.

ސްކޫލްތަކުގައި "އިސްލާމީ ތަރުބިއްޔަތު"ގެ ނަމުގައި ވަކި މާއްދާއެއް ކިޔަވައި ދެއެވެ. ގުރޭޑް އެކަކުން ފެށިގެން ބާރައިގެ ނިޔަލަށް ވެސް މިމާއްދާ އޮވެއެވެ. ފޮތްތައް ގޯހެއްނޫނެވެ. ކިޔަވައިދެއްވަނީ ގާބިލު މުދައްރިސުންނެވެ. ކަން މިހެން އޮތްއިރު، ގައުމުގެ ހާލަތު މިހާ ދަށުދަރަޖައަކަށް ވެއްޓުނީ ކީއްވެގެންބާވަ އެވެ؟ ސަބަބެއް އޮންނާނެ އެވެ. ގައުމަށް އައި ނުކިއްސަރު ތަރައްގީ ބާވައެވެ؟ ބަވަނައިގެ ތެރެއިން އައި ލާމެހުންބާވަ އެވެ؟

ކޮންމެ ސަބަބަކާހުރެ ނަމަވެސް މިއަދު ގައުމު މި އޮތީ މިހާލަތުގަ އެވެ. މިއީ ސަމާސާ ކަމެއް ނޫނެވެ. ވިސްނާ ފިޔަވަޅު އަޅަން ޖެހިފައިވާ ކަމެކެވެ. ފަރުދީ ކަމެއްގެ ގޮތުގަ އެވެ. އިޖުތިމާޢީ ކަމެއްގެ ގޮތުގައި ވެސް މެއެވެ. އެހެންނޫނީ ވުޟޫކުރަން ގޮސް ތިބި ކުދިންގެ އަމަލު ކަމަކަށް ނުވެ، އެއަށްވުރެ މާ ނުރައްކާތެރި ހާލަތަކަށް ވެސް، ޒުވާނުންނާއި ކުޑަ ކުދިން ގޮވައިގެން، ގައުމު ދަތުރުކޮށްފާނެ އެވެ.