ރަޝިއާއަށް ފްރާންސުން އަރައި ކުރި ހަނގުރާމައިގެ މައްޗަށް ތައްޔާރުކޮށްފައިވާ ލޯބީގެ ހިސްޓްރީ ވާހަކަ "ވޯ އެންޑް ޕީސް"ގެ ހަވަނަ އެޑެޕްޓޭޝަންއަށް ހައި އެންޑް ޓީވީ ސީރީޒް އެއް އަންނަ އަހަރު ނެރުމަށް ނިންމައިފި އެވެ.

އަންނަ އަހަރު ޖެނުއަރީގައި ބައިނަލްއަގުވާމީކޮށް ދައްކަން ފެށުމަށް ހަމަޖެހިފައިވާ ވޯ އެންޑް ޕީސް އަކީ ޔުނައިޓެޑް ކިންގްޑަމް ނުވަތަ ބްރިޓިޝް ސީރީޒް އެކެވެ. އެހެންކަމުން ޔޫކޭގައި މިއަހަރު ފަހުކޮޅު އެ ސީރީޒް ދައްކަން ފަށާނެ އެވެ.

ލައިފްޓައިމްގެ އޮރިޖިނަލް ސީރީޒް އެއް ކަމަށްވާ ވޯ އެންޑް ޕީސްގެ މުހިއްމު ކެރެކްޓަރެއް ކަމަށްވާ ނަތާޝާ ރޮސްޓޮވާގެ ރޯލުން ފެނިގެންދާނީ ޑިޒްނީ ސިންޑްރެއްލާގެ ރޯލުން ފެނިގެން ދިޔަ ލިލީ ޖޭމްސް އެވެ. އޭގެ އިތުރުން "12 އިޔާސް އަ ސްލޭވް"ގެ ޕޯލް ޑޭނޯ އާއި "ހެޕީ ވެލީ"ގެ ޖޭމްސް ނޯޓަންގެ އިތުރުން "އެކްސް ފައިލްސް"ގެ ގިލިއަން އެންޑަސަންވެސް ސީރީޒްގެ މުހިއްމު ރޯލުތަކުން ފެނިގެން ދާނެ އެވެ.

ޓީވީ ސީރީޒް އިން ފެނިގެންދާނީ 1812 ގައި ރަޝިއާގެ މަތީ ފެންވަރުގެ ފަސް އާއިލާގެ ވާހަކަތަކެވެ. ލޯތްބާއި މަކަރު ހެދުމާއި އިތުރު ޑްރާމާތައް ދައްކުވައިދޭ ސީރީޒްގެ އެޕިސޯޑެއްގެ ދިގުމިނަކީ އެއް ގަޑިއިރެވެ.

އަގުބޮޑުކޮށް ތައްޔާރު ކުރާ އެ ސީރީޒްގެ މަންޒަރުތައް ނަގާފައިވަނީ ރަޝިއާ އާއި ލިޔުއާނިއާ އަދި ލަޓްވިއާގައެވެ.

ލިއޯ ޓޯލްސްޓޯއިގެ ވޯ އެންޑް ޕީސް ވާހަކައިގެ ތަފާތު ފަސް އެޑެޕްޓޭޝަން އެއް ވަނީ ވޭތުވެ ދިޔަ ތަނުގައި ނެރެފައެވެ. އެގޮތުން ވޯ އެންޑް ޕީސް ގެ ނަމުގައި ނެރޭ އެއީ ފަސް ވަނަ އުފެއްދުމެވެ. އެގޮތުން އެ ވާހަކައިގެ މައްޗަށް މީގެ ކުރިން އޮޕެރާ އަކާއި ފިލްމުގެ އިތުރުން އިތުރު ޓީވީ ސީރީޒްތަކެއްވެސް ވަނީ އުފައްދާފައެވެ.

ވޯ އެންޑް ޕީސް ވާހަކައިގެ މައްޗަށް ވީޑިއޯ ގޭމްވެސް ވަނީ އުފައްދާފައެވެ.