އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު އެއް ޓްރޭޑް މެގަޒިނުން އިންތިޒާމު ކޮށްގެން ބާއްވާ "ޓީޓީޖީ ޓްރެވަލް އެވޯޑު"ގައި މެދު އިރުމަތީގެ އެއް ވަނަ އެއާލައިންގެ ޝަރަފް ގަތަރު އެއާވޭސް އަށް ލިބިއްޖެ އެވެ.

އެ އެވޯޑް ލިބޭނީ ކިޔުންތެރިން ވޯޓު ދީގެން އެންމެ ރަނގަޅަށް މާކްސް ލިބޭ ފަރާތަކަށެވެ. އެގޮތުން ވޯޓު ދިނުމުގައި އެއާލައިނުން ކަސްޓަމަރުންނަށް ދޭ ހިދުމަތާއި ދަތުރުކުރާ މަންޒިލްތަކާއި އެއާލައިން ޕްރޮމޯޓްކުރުމަށް ހިންގާ ޕްރޮގްރާމްތައް ފަދަ ކަންތައްތަކަށް ވޯޓު ދިނުމުގައި ބަލާނެ އެވެ.

ބެންކޮކްގައި ބޭއްވި ހަފުލާއެއްގައި އެވޯޑާ ހަވާލުވެވަޑައިގަތީ ގަތަރު އެއާވޭސްގެ ސައުތު އީސްޓް އޭޝިއާ ސައުތު ވެސްޓް ޕެސިފިކް ސީނިއާ ވައިސް ޕްރެޒިޑެންޓް މަރުވާން ކޮލީލަޓް އެވެ.

ގަތަރު އެއާވޭސް ގުރޫޕުގެ ޗީފް އެގްޒެކެޓިވް އަކްބަރު އަލް ބަކަރް ވިދާޅުވީ އެ އެއާލައިނަށް ޖެހިޖެހިގެން 10 އަހަރު އެވޯޑު ހާސިލް ކުރެވިފައި ވަނީ ހިދުމަތްތައް އުނިކަމެއް ނެތި، ފުރިހަމަކަމާ އެކީ ފޯރުކޮށް ދެވޭތީ ކަމަށާއި ކުރިއަށް އޮތް ތަނުގައުގައި ވެސް ބޮޑެތި އެވޯޑުތައް ހާސިލްކުރުމަށް އެއާލައިނުގެ ހުރިހާ މުވައްޒަފުން ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

"ގަތަރަކީ އަޅުގަނޑުމެންގެ ހުރިހާ އެއާލައިނުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް އަތްފޯރާފަށުގެ އަގުތަކުގައި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ އެއާލައިން،" އަކްބަރު އަލް ބަކަރް ވިދާޅުވި އެވެ.

ދުނިޔޭގެ 150 އަށް ވުރެ ގިނަ މަންޒިލަށް ދަތުރުކުރާ ގަތަރު އެއާވޭސް އަށް މިއަހަރުގެ ސްކައިޓްރެކްސް އެވޯޑުގައި ދުނިޔޭގެ އެންމެ މޮޅު އެއާލައިނުގެ އެވޯޑާއި އެންމެ މޮޅު ބިޒްނަސް ކްލާސް ސީޓުގެ އެވޯޑު އަދި މެދު އިރުމަތީގެ އެންމެ މޮޅު އެއާލައިންގެ އެވޯޑު ހޯދިއިރު، އެ އާލައިނުން ޓީޓީޖީ ޓްރެވަލް އެވޯޑު ޖެހިޖެހިގެން ހޯދި މިއީ 10 ވަނަ ފަހަރެވެ.