06 Oct 2015, 13:17
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަހުމަދު އަދީބަށް ސެކިއުރިޓީ ދެމުން ގެންދާ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ދެ ހަށިފާރަވެރިޔަކު މަސްއޫލިއްޔަތުން ދުރުކޮށްފި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ނައިބު ރައީސަށް ހާއްސަވެފައިވާ އެސްޕީޖީގެ ހަށިފާރަވެރިންގެ ތެރެއިން، މަސައްކަތުން ދުރުކޮށްފައި ވަނީ ސާޖަންޓު ހަސަން ރިކާޒާއި ކޯޕްރަލް އަހުމަދު އާމިރެވެ. އެނގިފައިވާ ގޮތުގައި އެ ދެ މީހުން އެމްއެންޑީއެފްގެ ހުރިހާ މަސައްކަތުން ދުރުކުރީ އިއްޔެ އެވެ. އެ ފިޔަވަޅު އެޅި ސަބަބު އަދި އެނގިފައެއް ނުވެއެވެ.
ސިފައިންގެ ހުރިހާ މަސައްކަތުން ރިކާޒާއި އާމިރު ދުރުކޮށްފައި ވަނީ އެސްޕީޖީގެ ކޮމާންޑަރަކަށް ކާނަލް އަބްދުއްރަހީމް އިއްޔެ އަ ވަނިކޮށެވެ.
ރައީސް ދަތުރުކުރެއްވި ލޯންޗުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން އެސްޕީޖީގެ މަސައްކަތަށް ފާޑުކީ ހަ ހަށިފާރަވެރިޔަކު އެހެން ޑިވިޝަންތަކަށް ބަދަލުކޮށްފައިވާ ކަން ވެސް "ސަން"އަށް ވަނީ އެނގިފަ އެވެ. އެ އެ ބަދަލު ގެނެސްފައި ވަނީ އެސްޕީޖީގެ ކޮމާންޑަރަކަށް ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) ހުންނެވިއިރު އެވެ.
ފަޔާޒު ވަނީ މާލެ އޭރިއާގެ ކޮމާންޑަރަކަށް އިއްޔެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު ވިދާޅުވީ އެތެރޭގެ ހިންގުމަށް ގެންނަ ބަދަލުތައް އާންމުކޮށް މީޑިއާގައި ހާމަ ނުކުރާ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭ ގޮތުން ކޮމެންޓެއް ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮވި ހާދިސާގެ ފަހުން ރައީސަށް ހާއްސަ ހަށިފާރަވެރިންގެ މައްޗަށް އެކުލެވޭ ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޝަން (ޕީއެސްޑީ)އެއް ވަނީ އުފައްދާފަ އެވެ.
ޕީއެސްޑީގެ ކޮމާންޑަރަކަށް އައްޔަންކޮށްފައި ވަނީ ކާނަލް އިބްރާހިމް ރަޝީދެވެ. އޭނާއަކީ ކުރީގެ ރައީސުން ކަމަށްވާ މައުމޫނާއި ނަޝީދާއި ވަހީދުގެ ހަށިފާރަވެރިއެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ.
ހައްޖުގެ އަޅުކަމަށްފަހު ރައީސް ޔާމީން ރާއްޖެ ވަޑައިގެން، ހުޅުލެއިން މާލެއަށް ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ރައީސް އަނބިކަނބަލުން ފާތުމަތު އިބްރާހިމަށް ވަނީ އަނިޔާވެފަ އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކަށް އެކަމަނާ އަދިވެސް ގެންދަވަނީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުންނެވެ.