26 Mar 2011, 21:50
ނޫސްވެރިކަމުގެ މިނިވަންކަމަށް ފުޅާދާއިރާއެއްގައި މަސައްކަތްކުރާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން )އެމްޖޭއޭ(ގެ މިއަހަރުގެ ހިންގާ ކޮމިޓީ އިންތިހާބުކޮށްފި އެވެ.
ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ އެމްޖޭއޭގެ ހިންގާ ކޮމިޓީ އިންތިހާބުކުރުން އޮތީ މިރޭ ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމުގައި ބޭއްވި ބައްދަލުވުމެއްގައި އެވެ. އެ ބައްދަލުވުމުގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ 30ށް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޖޭއޭގެ ރައީސް ކަމަށް ހޮވިވަޑައިގެންފައިވަނީ ކުރިންވެސް އެ މަގާމުގައި ހުންނެވި ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހްމަދު ޒާހިރު )ހިރިގާ( އެވެ. ނައިބު ރައީސަކަށް ހޮވިވަޑައިގަތީ ވެސް އެ މަގާމުގައި ކުރިން ހުންނެވި އެމްބީސީގެ މެމްބަރު އަލީ ޝައްމާން އެވެ. އަދި ބަޖެޓު ސެކްރެޓެރީގެ މަގާމުގައި މިހާތަނަށް ހުންނެވި ދި ޓީވީގެ އެޑިޓަރު މިދުހަތު އާދަމް ވަނީ ހަމަ އެމަގާމަށް އިންތިހާބުވެ ވަޑައިގެންފައި އެވެ. އަދި އެމްޖޭއޭގެ މިއަހަރުގެ ހިންގާ ސެކްރެޓަރީ އަކަށް ހޮވިވަޑައިގަތީ ސަން އޮންލައިންގެ ސީނިއާ ޑެޕިއުޓީ އެޑިޓާ މުންޑޫ އާދަމް ހަލީމެވެ.
މި ބޭފުޅުން އެ މަގާމުތަކަށް ހޮވިވަޑައިގެންފައިވަނީ، އެ މަގާމުތަކަށް އިތުރު ބޭފުޅަކު ކުރިމަތިލައްވައިފައިނުވާތީ ވޯޓަކަށް ނުގޮހެވެ.
ނަމަވެސް، އެކޮމިޓީގައި ހިމެނޭ އާއްމު މެމްބަރުގެ ދެ ގޮނޑިއަށް ތިން ބޭފުޅަކު ކުރިމަތިލެއްވި އިރު، ސަން އޮންލައިންގެ ނޫސްވެރިޔާ ހުސެއިން ހަސަން އަދި ހަވީރުގެ ނޫސްވެރިޔާ އަލީ ޔޫސުފް ހޮވިވަޑައިގަތީ 24 ވޯޓުން އެއްވަރުވެގެންނެވެ. އެމަގާމަށް ކުރިމަތިލެއްވި ދިޓީވީގެ ނޫސްވެރިޔާ މުހައްމަދު އަމީނަށް ލިބިވަޑައިގަތީ 14 ވޯޓެވެ.