ރައްޔިތުންގެ މަޖިލީހުގެ ނައިބުގެ މަގާމުގައި އިންނެވި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ގައުމީ ސަލާމަތު ކޮމިޓީން "ވަކިކޮށްފި" އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެމްޑީޕީ ސްލޮޓެއްގައި ގައުމީ ސަލާމަތު ކޮމިޓީގައި އިންނެވި މޫސާ އެ މަގާމުން ވަކިކޮށްފައި ވަނީ އޭނާ ކޮމިޓީގައި ހުންނެވީ އެމްޑީޕީގެ ފަރާތުން ކަމަށްވާތީ ކަމަށެވެ. މޫސައަކީ އެމްޑީޕީގެ މެމްބަރަކަށް ނުވާތީ އޭނާއަށް އެ ޕާޓީގެ ސްލޮޓެއްގައި ކޮމެޓީއެއްގައި ބައިވެރިނުވެވޭނެ ކަމަށް އިންތި ވިދާޅުވި އެވެ.

"މޫސަ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު އެކޮމިޓީ [ގައުމީ ސަލާމަތުގެ ކޮމިޓީ] އަށް ބޭފުޅާއަށް އެ ބޭފުޅާ އެމްޑީޕީގެ ފަރާތުން ވާނީ ލައިފައި. ނަމަވެސް އެމްޑީޕީ އިން އެމަނިކުފާނު ވަކި ކުރުމަށްފަހުގައި އެ ކޮމިޓީގައި އެގޮތަށް ނުއިންނެވޭނެ،" އިމްތިޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ މެމްބަރުކަމުން މޫސަ ވަކިކުރުމުން، އޭނާއަކީ މިހާރު މިނިވަން މެމްބަރެކެވެ.

އެމްޑީޕީގެ ވިޕްލައިނާ ތަކުރާރުކޮށް ޚިލާފުވި ކަމަށް ބުނެ، މޫސަ އެމްޑީޕީގެ މެމްބަރު ކަމުން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީ އިން ނިންމާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 22 ގައެވެ.