06 Oct 2015, 15:44
ހެލްތު މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން އަންނަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ސްޓެލްކޯއާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންނަށް ހެލްތު ސްކްރީނިން ޕްރޮގްރާމެއް ހިންގައިފި އެވެ.
ހެލްތު މިނިސްޓްރީން އަލަށް ފެށި އެ ޕްރޮގްރާމަކީ، ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެކަށީގެންވާ ސިއްހަތެއްގައި ތިބެ މަސައްކަތް ކުރާ ބައެއްތޯ ދެނެގަނެ، އެމީހުންނަށް ރަނގަޅު ސިއްހަތެއްގައި ދެމިތިބުމުގެ ލަފާ އެރުވުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.
ސްޓެލްްކޯގެ އެމްޑީ އަބްދުއްޝުކޫރު ރިޕޯޓް ލޯންޗްކޮށްދެއްވަނީ ---- ސަން ފޮޓޯ/ އަލީ ނަސީރު
ހެލްތު މިނިސްޓްރީން މިއަދު ވަނީ ސްޓެލްކޯ މުވައްޒަފުންގެ ހެލްތު ސްކްރީނިން ރިޕޯޓް އެ ކުންފުންނާ ހަވާލުކޮށްފަ އެވެ. ރިޕޯޓާ ހަވާލުވެވަޑައިގަތުމަށްފަހު އެ ރިޕޯޓް ރަސްމީކޮށް ލޯންޗްކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ މަސައްކަތުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ އިރު ރަނގަޅު ސިއްހަތެއްގައި ހުރުމަށް މުހިންމު ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އިރުތިޝާމް ވާހަކަފުޅު ދައްކަވަނީ ---- ސަން ފޮޓޯ/ އަލީ ނަސީރު
އެގޮތުން އެހެން ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތަކުން ވެސް އެފަދަ ހެލްތު ސްކްރީނިން ޕްރޮގްރާމްތައް އެ މިނިސްޓްރީއާ ގުޅިގެން ހިންގުމަކީ މުއައްޒަފުންގެ ސިއްހަތު އެކަށީގެންވާ ހާލަތެއްގައި ބެހެއްޓުމަށް އެޅިގެންދާނެ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ އަބްދުއްޝުކޫރު ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ/ އަލީ ނަސީރު
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ވިދާޅުވީ ރިޕޯޓުގައި ފާހަގަކުރެވިފައިވާ ކަންކަން އިތުރަށް ރަނގަޅުކޮށް މުސްތަގުބަލުގައި ކުރިއަށްގެންދާނެ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީން އެފަދަ ޕްރޮގްރާމެއް ހިންގަވާތީ އެކަމަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.