ހައި ކޯޓުގެ ބެންޗަށް ހޮވިވަޑައިގެންފައިވާ ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ މިރޭ ކުރައްވައިފި އެވެ.

ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ މިރޭ 8:15 ގައި ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( ގައި އެވެ. އެބޭފުޅުންނަށް ހުވައިލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ޖޭއެސްސީން ހައި ކޯޓަށް ކަނޑައެޅި ފަނޑިޔާރުންނަކީ ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ސަމީރާއި އެ ކޯޓުގެ ރަޖިސްޓްރާ އަބްދުއްރައޫފް އިބްރާހިމާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީ ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ޑރ. އަޒްމަރިލްދާ ޒާހިރާއި ވަކީލު އައްބާސް ޝަރީފެވެ.

ހައިކޯޓުގެ ފަނޑިޔާރުން މިރޭ ހުވާކުރައްވައިފައި މިވަނީ، ޖޭއެސްސީން ފަނޑިޔާރުން ކަނޑައެޅުމުގައި ޤާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ގާޒީ އަބްދުލްބާރީ ޔޫސުފް، ސުޕްރީމްކޯޓަށް ހުށަހެޅުއްވި މައްސަލަ އެކޯޓުން ބުރާސްފަތި ދުވަހު ބޭރުކޮށްލުމާ ގުޅިގެންނެވެ.