ގައުމީ ޓީމުގެ މެނޭޖަރުގެ މަސްއޫލިއްޔަތުތައް ކޯޗް ރިކީ ހާބަޓްއާ ހަވާލުކޮށްފައިވާ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް މިއަދު ސަންއަށް ވިދާޅުވީ މެނޭޖަރުގެ މަސްއޫލިއްޔަތުތައް ކޯޗާ ހަވާލު ކުރީ އެއީ ޓީމަށް އެންމެ ފައިދާ ބޮޑުގޮތް ކަމުގައިވާތީ ކަމަށެވެ.

"ޔޫރަޕްގެ ބޮޑެތި ލީގްތަކުގައިވެސް ޓީމު މެނޭޖު ކުރުމުގެ މަސައްކަތް ކުރަނީ ޓީމުގެ ހެޑް ކޯޗް. އެހެންވެ އަޅުގަނޑުމެންނަށްވެސް ފެނުނީ އެއީ ރަނގަޅު ގޮތެއް ކަމަށް. ޓީމަށް އެންމެ ފައިދާ ކުރަނީވެސް އޮގޮތަށް އޮތުމުން،" ބައްސާމް ވިދާޅުވިއެވެ.

ގައުމީ ޓީމުގެ މެނޭޖަރުގެ މަސްއޫލިއްޔަތުތައް ކޯޗާ ހަވަލު ކުރި ނަމަވެސް ކުރިން އޮންނަ ގޮތަށް މެނޭޖަރުގެ މަސްއޫލިއްޔަތުގެ ގޮތުގައި ހިމެނޭ ހުރިހާ މަސައްކަތްތަކެއް ކޯޗް ނުކުރާނެ ކަމަށާއި ކޯޗާ ހަވާލު ކުރީ ޓީމުގެ މެނޭޖުކުރުމުގެ މަސައްކަތްތައް ކަމަށް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ކުރިން މެނޭޖަރަކަށް ހުންނަ މީހަކު ކުރަމުން ދިޔަ ޓީމުގެ އިދާރި މަސއްކަތްތައް ކުރުމަށް އެޑްމިން ސްޓާފެއް ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް އެޑްމިން ސްޓާފު ޓީމާއެކު ދަތުރު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯޗް ރިކީ ހާބަޓްއާ މެނޭޖަރުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވީނަމަވެސް އޭއެފްސީގެ ގަވާއިދު އޮންނަ ގޮތުން މެނޭޖަރުގެ މަގާމަށް މީހަކު ލިސްޓުކުރަންޖެހޭތީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އައްސަދު ޢަބްދުލް ޣަނީގެ ނަން މެނޭޖަރުގެ ގޮތުގައި ލިސްޓުކޮށްފައިވާކަމަށެވެ.

ކޯޗާ މެނޭޖަރުގެ މަސްއޫލިއްޔަތު ހަވާލުކުރަން ގައުމީ ޓީމްގެ ކުރީގެ މެނޭޖަރު މުހައްމަދު ލަތީފު އިސްތިއުފާ ދެއްވިއިރު ވަނީ އެފްއޭއެމަށް ޚިޔާލު ހުށަހަޅުއްވާފައެވެ.

ޔޫރަޕްގެ ކޯޗެއް ހުއްޓައި މެނޭޖަރުގެ މަގާމަށް މީހަކު ހަމަޖެއްސުމަކީ ޓީމަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ނުފެންނަ ކަމަށް ވެސް ލަތީފް ވަނީ ވިދާޅުވެފައެވެ.