ސަރުކާރުގެ ބައެއް ބޭފުޅުންނާ މެދު ބޭރުގެ ފަރާތްތަކުން ފިޔަވަޅުއަޅާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުން ބުނަމުންދަނީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ބޭތިއްބުމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

މުއާޒު މިއަދު ސަން އަށް ވިދާޅުވީ އެންމެ ފަރުދެއްގެ މަސްލަހަތައްޓަކައި ހުރިހާ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

"އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއަކީ ވެސް އެއީ. އެހެންވީމަ އެ ހަމަތައް ބައިނަލްއަގުވާމީ ދުނިޔެއިން ގަބޫލުކުރައްވާނެ،" މުއާޒު ވިދާޅުވިއެވެ.

ބޭރުގެ އެކި ގައުމުތަކުން ސަރުކާރަށް ދިނުމަށް ނިންމާފައިވާ އެހީތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށާއި ބޭރުގެ ގައުމުތަކާ ސަރުކާރާދެމެދު އޮތް ގުޅުން އެގޮތުގައި އަދިވެސް އެބައޮތް ކަމަށް ތަރުޖަމާން ވިދާޅުވިއެވެ.

"ސަރުކާރުގެ އެއްވެސް މަސައްކަތަކަށް ހުއްޓުމެއް ނެތް. ރާއްޖެއިން ބޭރުގެ ލޯނުތަކާއި ދީތަލި އެހީތަކުގެ ތެރެއިން އެއްވެސް އެހީއަކަށް އެ އޮތްގޮތާ ޚިލާފަށް ބަދަލުއައިސްފައެއް ނުވޭ،" މުއާޒު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް ރޭ ވިދާޅުވީ، ރައީސް ނަޝީދަށް އިއްވި ހުކުމަކީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް ބުނެ ޔޫއެންޑަބުލިއުޖީއޭޑީން ނިންމި ނިންމުމާ އެއްގޮތަށް އެމަނިކުފާނު މިނިވަންކުރުމަށް ސަރުކާރުން ދެކޮޅު ހަދާފައިވާތީ ބައިނަލްއަގުވާމީ ލޯޔަރުންގެ ޓީމުން ސަރުކާރުގެ އެކި ބޭފުޅުންނާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.