06 Oct 2015, 11:25
ހުސްވެފައިވާ ކޯޗުގެ މަގާމަށް ގެނައުމަށް ކުރީގެ ބްރޫޝިޔާ ޑޮޓްމަންޑް ކޯޗް ޔާގަން ކްލޮޕް އާއި ކުރީގެ ރެއާލް މެޑްރިޑް ގެ ކޯޗް ކާލޯ އެންޗަލޯޓީއާ ލިވަޕޫލުން ވާހަކަ ދައްކަންފަށައިފިއެވެ.
ޔޫރޯސްޕޯޓްސް އިން ބުނީ ލިވަޕޫލް ގެ ކޯޗުކަމަށް މީހަކު ގެނައުމަށް އެ ކުލަބުން އަންނަނީ ވަރަށް އަވަދި ނެތި މަސައްކަތްކުރަމުން ކަމަށާއި އެގޮތުން އެކަމާ ގުޅޭގޮތުން ޔޫގެން ކްލޮޕް އާއި އެންޗަލޯޓީއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ލިވަޕޫލްގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ބްރެންޑަން ރޮޖާސް އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ރޮޖާސް ވަކިކޮށްފައިވާއިރު، އެންމެފަހުން ލިވަޕޫލުން ކުޅުނު އަށް މެޗުން ވެސް އެޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ލިވަޕޫލް މިވަގުތު އޮތީ ޕްރިމިއާ ލީގުގެ ދިހަ ވަނައިގައެވެ.
ލީގުގައި މި މަހު 17 ވަނަ ދުވަހު ޓޮޓެންހަމްއާ ދެކޮޅަށް ނިކުތުމުގެ ކުރިން ކޯޗެއް ހަމަޖައްސާނެ ކަމަށް ލިވަޕޫލުން ވަނީ ބުނެފައެވެ.
ޔޫގެން ކްލޮޕް އާއި އެންޗަލޯޓީއާ ދެ ކޯޗުން ކުރެ ކޯޗަކު ލިވަޕޫލް ގެ އާ ކޯޗަކަށް ހަމަޖައްސާނެ ކަމަށް ވަރަށްބޮޑަށް ބެލެވޭކަމަށް ބޭރުގެ ކުޅިވަރު ޚަބަރުތައް ކަވަރުކުރާ މަޝްހޫރު ނޫސްތަކުން ބުނެއެވެ.
ޔޫގެން ކްލޮޕް އާއި އެންޗަލޯޓީ އަކީ ޔޫރަޕްގެ މަޝްހޫރު އަދި ބޮޑެތި ކްލަބްތަކާ އެކީ ކާމިޔާބީތަށް ހޯދާފައިވާ ދެ ކޯޗެކެވެ.
މިދިޔަ ސީޒަނަށްފަހު ޑޯޓްމަންޑްގެ ކޯޗުކަމުން ވަކިވި ކްލޮޕް މިވަގުތު ހުރީ، ފުޓްބޯޅައިން ޗުއްޓީއެއް ނަގައިގެންނެވެ.
ދެހާސް އަށްވަނަ އަހަރުން ފެށިގެން ޑޯޓްމަންޑަށް ކޯޗުކަންކޮށްދިން ކްލޮޕް ވަނީ، އެ ކްލަބަށް ޖަރުމަނު ލީގާއި ޖަރުމަނު ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށްދީފައެވެ. އަދި ޖަރުމަނު ކަޕެއް ވެސް އޭނާ ވަނީ އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.
މީގެއިތުރުން އޭނާ ވަނީ އެ ކްލަބް 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ގެންގޮސްދީފައެވެ.
އެންޗަލޯޓީ ވަނީ 2013 ވަނަ އަހަރު ރެއާލް މެޑްރިޑާ ހަވާލުވެ އެޓީމާ އެކީ ކޮޕާޑެލްރޭއާއި ޗެމްޕިއަންސް ލީގާއި ސުޕަކަޕް އަދި ކުލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށް 2014 ވަނަ އަހަރުގައި ހަތަރު ޓްރޮފީ އެޓީމާ އެކީ އުފުލާލައިފައެވެ.