06 Oct 2015, 10:11
ރާއްޖޭގެ 10 ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަދި މިއަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ނިމެނޭ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން 10 ރަށެއްގެ ނަރުދަމާގެ އަމަލީ މަސައްކަތް ނިމިގެންދާއިރު މިހާރުވެސް 41 ރަށެއްގެ ނަރުދަމާގެ ޑިޒައިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"މިއަހަރުގެ މިހާތަނަށް 41 ރަށެއްގެ ނަރުދަމާ ނިޒާމް ގާއިމު ކުރުމަށް ޑިޒައިން ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އެގޮތުން 10 ރަށެއްގެ އަމަލީ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އެ 10 ރަށުގެ އަމަލީ މަސައްކަތް އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން ނިންމާނެ ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ރަށް ރަށްތަކަކީ ހއ. ތުރާކުނާއި ލ. ގަމާއި ގދ. ތިނަދޫ އާއި ނ. ހޮޅުދޫ އަދި ތ. ބުރުނީ ކަމަށެވެ. އަދި ތ. މަޑިފުއްޓާއި ހއ. ހޯރަފުށްޓާއި ށ. ކަޑިތީމާއި ރ. މަޑުއްވަރީގެ އިތުރުން ރ. މީދޫވެސް އެ ލިސްޓުގައި ހިމެނޭ ކަމަށް ތޯރިގު ވިދާޅުވިއެވެ.
ގިނަ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު އަންނަ އަހަރުގައިވެސް 10 ރަށެއްގެ ނަރުދަމާގެ މަސައްކަތް ނިންމުމަށް ގަސްތުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ އަންނަ އަހަރުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ލޯނު އެހީގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ.