06 Oct 2015, 09:46
ނިއުރޭޑިއަންޓްގެ ކޯޗްގެ މަގާމުން ސޮބާހް މުހައްމަދު (ސޮބާ) އިސްތިއުފާ ދީފިއެވެ.
ސޮބާ މިއަދު އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ބުނެފައިވަނީ ގިނަ ސަބަބުތަކާ ގުޅިގެން ނިއުރޭޑިއަންޓްގެ ކޯޗްގެ މަގާމުން އިސްތިއުފާ ދީފައިވާ ކަމަށާއި ނިއުއާއި ޓީމުގެ ކުޅުންތެރިންނަށް ކުރިއަށް އޮތް ތަނުގައިވެސް ކާމިޔާބަށް އެދޭ ކަމަށެވެ.
ނަމަވެސް ސޮބާ އިސްތިއުފާދިން ސަބަބުތަކެއް އޭނަ ހާމަކޮށްފައެއް ނުވެއެވެ.
ނިއުރޭޑިއަންޓްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ރޭ އެ ކުލަބުން ނެރެފައިވާ ކުރު ބަޔާނެއްގައި ވަނީ ސޮބާއާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށާއި އޭނާގެ އިސްތިއުފާގެ ލިޔުން ކުލަބާ ހަވަލުކޮށްފައިވާ ކަމަށެވެ.
ނިއުރޭޑިއަންޓްގެ ބޯޑް މެންބަރު އާދަމް ޒިއާދު ސަންއަށް ވިދާޅުވީ ރޭ ބޭއްވި އެކްލަބްގެ ބޯޑުގެ ބައްދަލުވުމަށްފަހު އެކަމާ ބެހޭގޮތުން މަޝްވަރާތަކެއް ކުރެވިގެން ދިޔަ ކަމަށާއި އިސްތިއުފާ ދޭން ނިންމުމަކީ ސޮބަގެ އަމިއްލަ ނިންމުމެއް ކަމަށެވެ.
ބޯޑްގެ ބައްދަލުވުމުގައި އެކަމާ ބެހޭ ގޮތުން ދެކެވުނީ ކޮން ވަހަކަތަކެއްތޯ ސުވަލުކުރުމުން އާދަމް ވިދަޅުވީ އެއްބަދަލުވުމުގައި ދެކެވުނު ވާހަކަތައް މީޑިއާއަށް ތިލަ ކުރެވެން ނެތް ކަމަށެވެ.
އާދަމް ވިދާޅުވީ ސޮބާގެ އިސްތިއުފާ ނިއުއިން ގަބޫލުކޮށްފައިވަ ކަމަށެވެ.
ނިއުއިން ބުނީ ހުސްވެފައިވާ ކޯޗްގެ މަގަމަށް އާ ކޯޗަކު ވަރަށް އަވަހަށް ހަމަޖައްސަނެ ކަމަށެވެ.
ނިއުގެ ކޯޗްކަމުގެ ދަށުން ސޮބާ ވަނީ ދިވެހި ލީގްގެ ތަވަލްގެ އެއްވަނައަށް އެޓީމު ގެންގޮސްދީފައެވެ.
އަދި އޭއެފްސީ ކަޕްގެ އެއް މެޗުން މޮޅުވެ އެއް މެޗުން ވަނީ އެއް ވަރުކޮށްފައެވެ.