06 Oct 2015, 09:49
މޮސްކޯ (އޮކްޓޯބަރު 6): ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުން ތުރުކީގެ ވައިގެ ސަރަހައްދަށް ގަވައިދާ ޚިލާފަށް ވަދެފައިވާ ކަމަށް ރަޝިޔާއިން އެއްބަސްވެއްޖެއެވެ.
ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނީ ތުރުކީގެ ވައިގެ ސަރަހައްދަށް ވަދެފައިވަނީ ސޫރިޔާގައިވާ އައިއެސް ޖަމާއަތުގެ މަރުކަޒުތަކަށް ހަމަލާދިނުމަށް ހަރަކާތްތެރިވަމުންދިޔަ ރަޝިޔާގެ ފައިޓަރ ޖެޓްތަކެއް ކަމަށާ އެކަންހިނގާފައިވަނީ މަދުސިކުންތުކޮޅަކަށް ކަމުގައެވެ. އަދި އެކަންހިނގީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށާ ތުރުކީގެ ވައިގެ ސަރަހައްދަށް އިޙްތިރާމް ނުކުރުމުގެ ރޫހެއްގައި ނޫންކަމަށްވެސް ރަޝިޔާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވެއެވެ.
ތުރުކީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެވެސް ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއް ތުރުކީގެ ދެކުނުގެ ވައިގެ ސަރަހައްދަށް ވަދެފައިވާކަމުގައެވެ. އަދި މިދިޔަ އާދިއްތަ ދުވަހުވެސް ހުއްދައަކާނުލައި ތުރުކީގެ ދެކުނުގެ ސަރަހައްދުގެ މަތިން ރަޝިޔާގެ އަސްކަރީ ދެ މަތިންދާބޯޓެއް އުދުހިފައިވާކަމަށް ތުރުކީން ބުނެފައިވެއެވެ.
މިމައްސަލާގައި ސުވާލުކުރުމަށް އަންކަރާގައި ހުންނަވާ ރަޝިޔާގެ ސަފީރު ވަނީ ތުރުކީގެ ޚާރިޖިއްޔާއަށް ހާޒިރުކޮށްފައެވެ.
ސޫރިޔާގެ ޖައްވުގައި ހަރަކާތްތެރިވާ ރަޝިޔާގެ އަސްކަރީ މަތިންދާބޯތުތައް ތުރުކީގެ ވައިގެ ސަރަހައްދަށް ވަދެފައިވާ މައްސަލާގައި ނޭޓޯއާއި އެމެރިކާވެސްވަނީ ރުޅިވެރިކަން ހާމަކޮށް ރަޝިޔާއަށް ފާޑުކިޔާފައެވެ.
ތުރުކީއަކީ ނޭޓޯގައި ހިމެނޭ އިސްލާމީ ގައުމެކެވެ. އެހެންކަމުން ތުރުކީއަކީ ނޭޓޯގެ ގައުމަކަށްވިޔަސް އެގައުމުގެ ބައެއް ސިޔާސަތުތަކަކީ ހުޅަނގުގެ ސިޔާސަތުތަކާ ވަރަށް އިދިކޮޅު ސިޔާސަތުތަކެކެވެ. ހުޅަނގުން ރަޝިޔާއާ އިދިކޯލިވެފައިވީ ނަމަވެސް ތުރުކީއާއި ރަޝިޔާއަކީ ވަރަށް ގާތް އެކުވެރި ދެގައުމެވެ.
މިދިޔަ އަޟްހާ ޢީދުގެ ދުވަސްވަރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވަނީ ރަޝިޔާއަށް ޒިޔާރަތް ކުރައްވައި ރައީސް ޕޫޓިންއާ ބައްދަލުކުރައްވާފައެވެ.
ރަޝިޔާ ގެންދަނީ ސޫރިޔާއަށް އަސްކަރީ ގޮތުން ވަދެގަނެ އެގައުމުގެ އަސްކަރީ ބާރު ހުޅަނގަށް ދައްކާލަމުންނެވެ.
ރަޝިޔާއިން ސޫރިޔާއަށް ވަދެގެންފައިވަނީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ހިމާޔާތް ކުރުމަށްކަމަށް އެމެރިކާއާއި ޔޫރަޕުން ބުނާއިރު އައިއެސްއާ ހަނގުރާމަ ކުރުމުގެ ނަމުގައި ފާއިތުވި ދެއަހަރު އެމެރިކާއިން ސޫރިޔާއަށް ދޭ ހަމަލާތަކުގެ ސަބަބުން އައިއެސް ބަލިކަށިވުމުގެ ބަދަލުގައި އައިއެސް އިތުރަށް ވަރުގަދަވެފައިވާކަން ރަޝިޔާގެ އިތުރުން ބައިނަލްއަގްވާމީ ފަރާތްތަކުންވެސް ވަނީ ފާހަގަކޮށްފައެވެ.
އެމެރިކާ ގެންދަނީ ސައޫދީ އަރަބިޔާއާ ގަތަރާ ގުޅިގެން ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންނެވެ. ރަޝިޔާ ދެކޭގޮތުގައި ބައްޝާރުގެ ވެރިކަން ވައްޓާލުމަކީ ސޫރިޔާގެ މައްސަލައަށް އޮތް ހައްލެއްނޫނެވެ.
ގައުމުތަކުގެ ވެރިކަމުގެ ނިޒާމުތައް ގަދަބާރުން ވައްޓާލައިގެން ގައުމުތަކަށް ހަމަޖެހުންނެތްކަމާއި ހާލަތު އިތުރަށް ގޯސްވެފައިވާކަން އިރާގާއި ލީބިޔާއާއި މިސްރުންވެސް ފެންނަމުންދާކަމަށް ބުނެ ރަޝިޔާއާއި އީރާނުން ގެންދަނީ ބައްޝާރުގެ ވެރިކަން ދިފާޢު ކުރުމަށް މަސައްކަތް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)