06 Oct 2015, 09:21
ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޔޫތް މިނިސްޓުރީން މިއަދު ބުނީ ޒުވާނުންގެ އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުން ފެށިގެން މިމަހުގެ 25 ދުވަހުގެ 1:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
"އެޕްލިކޭޝަން ހުށަހަޅުއްވާނީ މާލޭގައިނަމަ މާފަންނު ޔޫތު ސެންޓަރ [ސޯޝަލް ސެންޓަރު] އަދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް [ވެލާނާގެ 3ވަނަ ފަންގިފިލާ]ގެ ރިސެޕްޝަނަށް. ރަށްރަށުން އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާނީ އެ ރަށް ރަށުގެ ޔޫތު ސެންޓަރ ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް،" ޔޫތް މިނިސްޓުރީގެ އޮފިޝަލަކު ވިދާޅުވިއެވެ.
ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޒުވާނުންނަށް ދޭ ޚާއްސަ އެވޯޑާއި، ސެޓްފިކެޓާއި 25,000 ރުފިޔާގެ ފައިސާގެ އިނާމު ހިމެނެއެވެ.
މިއަހަރުވެސް ނޮވެންބަރު 17 ވަނަ ދުވަސް، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށްވަނީ ހަމަޖެހިފައެވެ. މި އަހަރު ޒުވާނުންގެ އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ތަފާތު 10 ދާއިރާއަކުންނެވެ.