ގދ. ތިނަދޫގައި ބޭއްވި އެތުލެޓިކްސް މުބާރާތެއްގައި ބައިވެރިވުމަށް އެތުލީޓުންތަކެއް ގޮވައިގެން އެ ރަށަށް ދިޔަ އަންހެން އޮފިޝަލުންތަކެއްގެ ބަރަހާނާ މަންޒަރުތައް ވީޑިއޯކޮށް، އެތަކެތި ލީކްކޮށްލި މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ސަން އަށް މައުލޫމާތުދެއްވަމުން ތިނަދޫ ކައުންސިލަރު އަލީ އިކްރާމް މިއަދު ވިދާޅުވީ، އެ ބަރަހަނާ މަންޒަރުތައް ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ ކުއްޖަކާއި ތިނަދޫ ކުއްޖެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ބަރަހަނާ މަންޒަރުތަކުން ފެންނަނީ ދެ އަންހެން އޮފިޝަލަކު ތިނަދޫގައި މަޑުކޮށްގެން ތިބި ގޭގެ ފާހާނާ ތެރޭ އެ މީހުން ފެންވަރަން ތިއްބައި ކަމަށެވެ. އެއީ އެ ގޭގެ ފާހާނާގެ ފެންލައިޓް ބޭރުން ޖަހާފައިވާ ދަގަނޑުން ތަންގަނޑެއް ކަފައިލައިގެން އެތަނުން ސްޕައި ކެމެރާ ވައްދައިގެން ނަގައިފައިވާ ވީޑިއޯތަކެއް ކަމަށް ވެސް އިކްރާމް ވިދާޅުވި އެވެ.

"އެޓީމުން މި ރަށަށް އައީ އަމިއްލައަށް މިރަށު ބަޔަކާ ގުޅިގެން ގެއެއް އެއްކޮށް ނަގައިގެން. އެހެންވެ އެމީހުން ތިބީ އެހެން ޓީމުތަކާ މުޅިން ވަކިން. އެގޭގައި އިތުރު ފާހާނާތައް ވެސް ހުރޭ. އަދި މިހާތަނަށް ލީކްވެފައި ވަނީ ދެ އޮފިޝަލުންގެ ވީޑިއޯ." އިކްރާމް ވިދާޅުވި އެވެ.

އެވީޑިއޯތައް ލީކުކޮށްލި މައްސަލައިގެ ތުހުމަތުގައި ތިނަދޫ އިން ދެ މީހަކު އިއްޔެ މެންދުރެއްހާއިރު ހައްޔަރުކޮށްފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ސަން އަށް ކަށަވަރުކޮށް ދެއްވައިފަ އެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އޮފިޝަލް ވިދާޅެއްނުވެ އެވެ.