ތާޖުއްދީން ސްކޫލްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އެސްކޫލްގެ ގްރޭޑް 10ގެ ދަރިވަރު އައިޝަތު ސުބާތު ޝާހިދު ހޮވިއްޖެއެވެ.

އެ ސްކޫލްގައި މިރޭ ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އިނާމުތަކާއި ހަވާލު ވުމަށް ފަހު ވާހަކަ ދައްކަމުން ސުބާތު ބުނީ ހިތްވަރުކޮށްފި ނަމަ އެންމެ ފޮނި ކާމިޔާބީ އަކީ ތާޖުއްދީންގެ ދަރިވަރުންނަށް ގެނެސްދެވޭނެ އެއްޗެއް ކަމަށެވެ.

ސްކޫލަށް އެންމެ ތުއްތު އިރުއްސުރެ އޭނާގެ އާއިލާއިން ކޮށްދިން މަސައްކަތްތަކުގެ ނަތީޖާ، މާތް ﷲގެ އިރާދަފުޅާއެކު މިއަދު ފެނިއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.

"...އަޅުގަނޑު އެންމެ ތުއްތު އިރުންސުރެ މިއަދާ ހަމައަށް އަޅުގަނޑަށް ޓަކައި ތިޔަ ކޮށްދެއްވި މަސައްކަތްތަކުގެ ނަތީޖާ މާތް ﷲގެ އިރާދަފުޅާއި އެކު މިއަދު ފެނިއްޖޭ. ވީމާ އަޅުގަނޑަށް އަޅާލައި، އަޅުގަނޑަށް އޯގާތެރިކަން ފޯރުކޮށްދެއްވީތީ މިއަދު އަޅުގަނޑުގެ ކާފަޔަށާއި މާމައަށާއި ބޭބެއަށާއި ކޮށްކޮއަށް އަދި އަޅުގަނޑުގެ އާއިލާގެ އެންމެހައި މެމްބަރުންނަށް ޝުކުރުދަންނަވަން،" އާއިލާގެ މެމްބަރުންނަށް ޝުކުރު އަދާކުރަމުން އޭނާ ބުންޏެވެ.

އެއަށް ފަހު އޭނާގެ މަންމައަށް ޝުކުރު އަދާކުރަމުން ސުބާތު ބުނީ އޭނާގެ މަންމަ އަކީ އެންމެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގަޔާއި ތަރުބިއްޔަތުކޮށްދެއްވި ފަރާތަކަށް ވީތީ މަންމައަށް ޝުކުރު އަދާކުރާ ކަމަށެވެ.

މިރޭގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވިދާޅުވީ، ކާމިޔާބު ވުމަށްޓަކައި ކޮންމެ ދަރިވަރަކުވެސް ވާން ޖެހޭނީ ފަސްމީރު ކުރި ރުކަކަށް ކަމަށެވެ. އެވާހަކަފުޅު ތަފުސީލުކޮށްދެއްވަމުން އޭނާ ވިދާޅުވީ، ހުރިހައި ގޮތަކަށް ވަށައި ޖެހޭ ގޮތަކަށް ކަންކަމުގެ ހުނަރު ލިބި ގަތުމަކީ މިޒަމާނުގައި ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ތާޖުއްދީންގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ޝަރަފްވެރި މެހުމާން، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް ވާހަކަފުޅު ދައްކަވަނީ. ސަން ފޮޓޯ: ޔޫސުފް ޞަފްވާން

"...ފަސްމީރު ކުރިރުކަކަށް މިވާން ޖެހޭ ގޮތަކީ އަޅުގަނޑުމެން ހުރިހާ ގޮތަކަށް ވަށާ ޖެހޭ ގޮތަކަށް ، ކަންކަމުގެ ހުނަރު ، އިލްމާ ގާބިލުކަން، އާދެ ހާޑް ސްކިލްގެ އިތުރުން ސޮފްޓް ސްކިލްސް ވެސް މިޒަމާނުގައި އިނގެން އެބަޖެހޭ،" އޭނާ ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ރާއްޖޭގައި ވެސް އެތަކެއް ވަޒީފާ ނެތިގެން ގޮސް އާ ވަޒީފާ އުފެދޭ ކަމަށް ދިރާސާތަކުން ދައްކާ ކަމަށާއި އެހެންވީމާ ފުޅާ ދާއިރާއެއްގައި ކަންކަމާ މެދު ވިސްނަން ޖެހޭ ކަމަށެވެ.