ދުނިޔޭގެ ދޮށީގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމަށް ވަކާލާތުކޮށް އެ ރޮނގުން މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަގްވާމީ ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ފަރާތުން އަލަށް ތަޢާރަފް ކުރި ޚާއްސަ އެވޯޑް، ފިޝަރީޒް މިނިސްޓަރު ޑރ.މުޙައްމަދު ޝައިނީ އަށް ލިބިވަޑައިގެންފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ފަރާތުން ދޭ ހާއްސަ އެވޯޑް މިނިސްޓަރު ޝައިނީ އާ ހަވާލުކުރުން އޮތީ މިއަދު ތައިލެންޑްގައި ބޭއްވި އެ ޖަމިއްޔާގެ ހާއްސަ ހަފްލާއެއްގައި ކަމަށެވެ.

އެވޯޑް ދިނުމުގައި ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި ބައިނަލްއަގްވާމީ ތަފާތު ފޯރަމްތަކުގައި ރާއްޖޭގެ ފަރާތުންވަކާލާތު ކުރަމުންދިޔަ "ފަހަރަކު މަހެއް" ބާނާ ދޮށީގެ މަސްވެރިކަމުގެ މުހިއްމުކަމާއި، ދެމެހެއްޓެނިވި މި ދޮށީގެ މަސްވެރިކަމުން މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ކުރާ އިޖްތިމާއީ ފައިދާތަކުގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ޑރ ކުރެއްވި މަސައްކަތްޕުޅު ހިމެނޭ ކަަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އަދި މިނިސްޓަރު ޝައިނީއަށް ލިބިވަޑައިގެންނެވި އެވޯޑަކީ، ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމާ، އަތުނަނުގެ މަސްވެރިކަމަކީ މުޅި ދުނިޔެ ބަލައިގެންފައިވާގޮތުން ތިމާވެއްޓާ އެންމެ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންދާ މަސްވެރިކަމެއްގެ ގޮތުގައި ދެމެހެއްޓުމަށް ދިވެހި މަސްވެރިންނާއި ސަރުކާރުން ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ލިބިވަޑައިގެންނެވި އެވޯޑެއް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

"ދޮށީގެ މަސްވެރިކަން ދުނިޔޭގެ ފެންވަރުގައި ޕްރޮމޯޓް ކުރައްވައި، ރާއްޖޭގެ މަހަށް ލިބިފައިވާ މެރިން ސްޓިވަރޑްޝިޕް ކައުންސިލް ސެޓްފިކެޓްގެ މަގާމް ދަމަހައްޓަވައި، ރާއްޖޭގެ މަހަށް ރަނގަޅު އަގު ހޯއްދަވައި ދެއްވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި، މިކަމުގައި ހޯއްދަވާފައިވާ ކާމިޔާބީ ތަކަކީ މިފަދަ އެވޯޑެއް އެމަނިކުފާނަކަށް ޙައްޤުވެގެންދިޔަ ކަންކަންކަމުގައި އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނުން ފާހަގަކުރި،" ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެ އެވޯޑަކީ ދިވެހި މަސްވެރިންނާއި ސަރުކާރަށް ލިބުނު އެވޯޑެއްކަމަށް ގަބޫޅުފުޅުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާގައި ކުރެވުނެ މަސައްކަތެއް ކުރެވިފައިވަނީ ޒަމާނުއްސުރެ ދިވެހި މަސްވެރިން ކުރަމުންދާ ދެމެހެއްޓެނިވި މަސްވެރިކަމާއި، ސަރުކާރުން ގެންގުޅުއްވާ ތިމާވެއްޓާ ރައްޓެހި ސިޔާސަތުގެ ސަބަބުން ކަމަށްވާތީ ކަމަށްވެސް ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ ވިދާޅުވިއެވެ.