ސީރިއަސް ޒަހަމްތަކާކާއެކު މ. މޫސުން ބަހާރުގޭ ހަވަނަ ފަންގިފިލާގެ ސިޑިގޮޅިތެރޭން ފެނުނު މީހާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އިމަޖެންސީގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ ޑިރެކްޓަރު އަހްމަދު މައުސޫމް ސަންއަށް މިރޭ ވިދާޅުވީ، ސީރިއަސް ޒަޚަމްތަކަކާއެކު މިރޭ އިރާކޮޅު އެ ހޮސްޕިޓަލަށް ގެންދިޔަ މީހަކަށް އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ. މަރުވެފައި ވަނީ، އއ. ތޮއްޑޫ އިރުމަތީގޭ އުމުރުން 26 އަހަރުގެ އަހްމަދު ޒަމީން ކަަމަށް އޭނާ ވިދާޅުވިއެވެ.

"އެމީހާ ހޮސްޕިޓަލަށް ގެނައިއިރު އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފައި، ވަރަށް ސީރިއަސް ހާލަތެއްގައި. ޒަޚަމް ލިބިފައިވަނީ ބޮލުގެ ފުށްކިބައަށް،" މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަހްމަދު ޒަމީންގެ "ސްކޭންތަކާއި އެކްސްރޭ ހެދި އިރު އޭނާގެ ފުއްޕާމެއަށާއި ސިކުނޑިއަށް ލޭއެޅިފައި ވާކަން" އެނގުނު ކަމަށެވެ.

"ޑޮކްޓަރުން އޭނާ މަރުވިކަން ކޮންފާރމް ކޮށްދިނީ މިރޭ 11 ޖެހިއިރު،" މައުސޫމް ވިދާޅުވި އެވެ.

މ. މޫސުމްބަހާރުގެ. އެގޭ 6 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައި ޒަޚަމްތަކަކާއެކު އޮއްވައި މިރޭ ފެނުނު އއ. ތޮއްޑޫ އިރުމަތީގޭ އަހްމަދު ޒަމީންއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައި -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވެފައި ވަނީ، މ. މޫސުން ބަހާރުގޭގެ ހަވަނަ ފަންގިފިލާގެ ސިޑިގޮޅިން ޒަޚަމްތަކަކާ އެކު ދިވެހި ފިރިހެނެއް ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާ ކަމަށާއި، ފުލުހުންނަށް ލިބިނު މައުލޫމާތަކާ ގުޅިގެން އެގެއަށް ގޮސް ފުލުހުން އެމީހާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

"އެމީހާއަށް އެ އަނިޔާ ލިބުނީ ކިހިނަކުން ކަމެއް އަދި ނޭނގެ. އެކަމަ އޭނާގެ ބޮލަށް ހުރީ އަނިޔާވެފައި،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން އެ މައްސަލަ އިތުރަށް ތަހްގީގުކުރަމުން ދާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަހްމަދު ޒަމީންގެ މަރާއެކު، މިއަހަރު ރާއްޖޭގައި މަރާލި މީހުގެ އަދަދު އަށަކަށް އެރީ އެވެ. މިއަހަރުގެ އެންމެ ފުރަތަމަ މަރަކީ ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލި ދެ އަހަރުގެ ކުޑަކުއްޖާ މުހައްމަދު އިބްތިހާލެވެ. އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ މިއަހަރުގެ ޖެނުއަރީ 28ގައެވެ.

އަހަރުގެ ދެ ވަނަ މަރަކީ ހ. ހަންޑްރެޑްފްލާވާ، ޖައިލަމް އަހުމަދު ޝާކިރުގެ މަރެވެ. ގްރޫޕަކުން ހަމަލާދީ ޖައިލަމް މަރާލީ މިއަހަރުގެ ފެބްރުއަރީ 21ގައެވެ. އަހަރުގެ ތިން ވަނަ މަރަކީ ލ. މުންޑޫގައި ހިންގި މާރާމާރީއެއްގައި ޒަހަމްކޮށްލުމުން މަރުވި އެ ރަށު ނޫވިލު، އަލީ ޒިޔަދަމް އެވެ. އޭނާ މަރާލީ މިއަހަރުގެ މާޗް 21ގައެވެ. ޖެހިގެން އައި ދުވަހު ހާބަރު ކެފޭއެއްގައި ޝާހިން މިޔާ ކިޔާ ބަންގްލަދޭޝް މީހަކު ވަނީ މަރާލައިފައެވެ. މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން ހަމަލާދީ ޝާހިން މިޔާ މަރާލީ މިއަހަރުގެ މާޗް 22ގައެވެ.

މިއަހަރުގެ ފަސް ވަނަ މަރަކީ އައިޖީއެމްއެޗް ކައިރީގައި ވަޅި ހަރައި މަރާލި މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅުގެ މަރެވެ. އޭނާ މަރާލީ މާޗް 29ގައެވެ. އަދި ޖޫން މަހުގެ 11 ވަނަ ދުވަހު ލ. ގަމުގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ބިދޭސީއަކު ވަނީ ފެނިފައެވެ. އޭގެ ފަހުން، ޖޫން 15 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީ، ހިތަދޫގައި ހިންގި މާރާމާރީގައި ލިބުނު ޒަޚަމްތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެރަށު އެތީނާގެ، ހުސައިން ޝިޔާރު ވަނީ މަރުވެފައެވެ.