05 Oct 2015, 22:58
ސަރުކާރުގެ އެކި ފަރާތްތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލް އަގުވާމީ ވަކީލުން ފަށާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފް ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނީ ވަކީލުން އެ މަސައްކަތް ކުރަމުން ދަނީ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަންރައިޓްސް އާއި ކޮވިނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ ދަށުން ޔޫއެންޑަބުލިއުޖީއޭޑީގެ ނިންމުމަށް ތަބާވާންޖެހޭއިރު، އެ ނިންމުމާ އެއްގޮތަށް ރައީސް ނަޝީދު މިނިވަންކުރަން ސަރުކާރުން ދެކޮޅު ހަދަމުންދާތީ ކަމަށެވެ.
"ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ބޭރުގެ ވަކީލުން، އެބޭފުޅުން މިހާރުވެސް އެގެންދަވަނީ އެ މަސައްކަތް ކުރަމުން،" ހަސަން ލަތީފް ވިދާޅުވި އެވެ.
ހަސަން ލަތީފް ވިދާޅުވީ މުޅި ސަރުކާރާ މެދު ބޭރުގެ ފަރާތްތަކުން ފިޔަވަޅު ނާޅާނެ ކަމަށާއި ފިޔަވަޅުއަޅާނީ އދ.ގެ ދެ މުއާހަދާއާ ޚިލާފުވާ ސަރުކާރުގެ ބޭފުޅުންނަށް ކަމަށެވެ.
ރާއްޖެއިން ބޭރުން އަޅާފާނެ ފިޔަވަޅުތަކުގެ ތެރޭގައި އެހެން ގައުމުތަކަށް އެ ބޭފުޅުންނަށް ދަތުރުކުރުމަށް ދީފައިހުންނަ ވިސާ ކެންސަލް ކުރުމާއި އިތުރުވިސާ ނުދިނުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފަރުދީގޮތުން އެފަދަ ބޭފުޅުންނާމެދު އަޅާ ފިޔަވަޅުގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގެ އިގްތިސާދަށް ނުރަނގަޅު ނަތީޖާ ފޯރުން ކަމަށެވެ. އަދި އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.