26 Mar 2011, 17:19
ތަޖިކިސްތާނާ ދެކޮޅަށް ކުޅެނިކޮށް އިއްޔެ އަނިޔާވި ރާއްޖޭގެ ޤައުމީ ކީޕަރ އިމްރާން މުހައްމަދު ދަނޑަށް ނުކުންނަން މަހެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވިއްޖެ އެވެ.
ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު އާތިފު ބުނީ އިމްރާންގެ އަނިޔާ ސީރިއަސް ކަމަށް ޑޮކްޓަރ ރޭ ބުނެފައިވާ ކަމަށެވެ. " ކުޅުންތެރިންގެ ބޯމަތިން އޭނާ ވެއްޓުނު ގޮތުން އަނިޔާވެފައިވާ ކަމަށް ޑޮކް ބުނަނީ. އެހެންވެ އިތުރަށް އެކަން ބެލުމަށް ލަންކާއަށްދާ ގޮތަށް ވާހަކަ ދެކެވިފައިވަނީ. ޑޮކް ލަފާ ކުރާ ގޮތުގައި 4 ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ" އާތީ ބުންޏެވެ.
އިއްޔެގެ މެޗުގައި އިމްރާނަށް އަނިޔާވީ އިދިކޮޅު ޓީމުގެ ހަމަލާއެއް ހިފަން ފުންމައިގެން އެރި ވަގުތު ވެއްޓި ޖެހުނު ގޮތުންނެވެ. އޭނާ ވެއްޓުނީ އައްސަދުގެ ގައިމަތިންނެވެ. 5 ވަރަކަށް މިނެޓްގެ ފަރުވާއަށްފަހު އިމްރާނަށް ކުޅެވޭނެ ކަމަށް ނިންމާ މެޑިކަލް ޑޮކްޓަ އަޙްމަދު ޝަކީބު ދަނޑުން ފޭބި ނަމަވެސް އިމްރާން ވަނީ ކުޑައިރުކޮޅެއްފަހުން ކުޅެވޭވަރު ނުވެގެން ފައިބާފައެވެ. ބަދަލުގައި ކުޅެން ނުކުތީ ބަދަލު ކީޕަރ މުހައްމަދު ފައިސަލެވެ.
ދެހާސް ނުވަ ވަނަ އަހަރުގެ އޭ އެފް ސީ ޗެލެންޖްކަޕް ކޮލިފައިންގެ އެއްވެސް މެޗެއް އިމްރާން ނުކުޅެއެވެ. އެއީ މުބާރާތް ފަށަން އުޅެނިކޮށް ލިބުނު ބޮޑު އަނިޔާއެއްގެ ސަބަބުންނެވެ. މިދިޔަ ސީޒަންގެ ބައެއް މެޗުތައް ވީބީއަށްވެސް އިމްރާން ނުކުޅެއެވެ. އެއީވެސް އަނިޔާގެ ސަބަބުންނެވެ.