20 Apr 2010, 10:17
10:00
ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ކަމުގެ މަގާމަށް ހަމަޖެއްސެވުމަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި އަހްމަދު މުހައްމަދުގެ ނަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިފި އެވެ.
މި ނަން މަޖިލީހަށް ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، އާ ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހަމަޖެއްސެވުމަށް ހޮވަންޖެހޭ ތިން މަގާމުގެ ތެރެއިން އަމީން އާއްމުގެ މަގާމަށް އަހުމަދު މުހައްމަދު ހަމަޖައްސަން ފެނިވަޑައިގަންނަވައިތޯ މަޖިލީހަށް ހުށަހެޅުއްވީ، މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުގެ މަތީން އެކަމަށް ކުރިމަތިލުމަށް މަޖިލީހުން ދެފަހަރެއްގެ މަތިން ކުރި އިއުލާނާ ގުޅިގެން އެ ނަންފުޅު ފިޔަވައި އެހެން ނަންފުޅެއް ހުށަހަޅައިފައި ނުވާތީ ކަމަށެވެ. އެހެންކަމުން މިއަދުގެ ޖަލްސާގެ ވޯޓަށް އަހާ ވަގުތުގައި މުހައްމަދު އަހުމަދުގެ ނަމަށް ވޯޓަށް އައްސަވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އަދި ވިދާޅުވީ، ގާނޫނުއަސާސީއާ ހަވާލާދީ މަޖިލީހުގެ ގަބާއިދުގެ ދަށުން ދެން އުފައްދަންޖެހޭ ތިން މަގާމަކީ، ސާޖެންޓް އެޓް އާމްސްގެ މަގާމާއި، ކައުންސިލް ޖެނެރަލްގެ މަގާމު ކަމަށެވެ. އަދި އެ މަގާމުތަކަށް ކުރިމަލައްވާފައިވާ ފަރާތްތަކުގެ ނަންތައް މަޖިލީހުގެ ތިން މެންބަރުންގެ ޕެނެލަކުން ދިރާސާ ކުރަމުން އަންނަ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.