ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 13 އަހަރުގެ ޖަލުހުކުމަކީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް ބުނެ ޔުނައިޓެޑް ނޭޝަން ވޯކިން ގުރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޔޫއެންޑަބުލިއުޖީއޭޑީ) ނިންމި ނިންމުމަށް އަމަލުކުރުމަށް ސަރުކާރަށް ލާޒިމްވާނެ ކަމަށް ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އިބްރާހީމް ރިއްފަތު ވިދާޅުވީ، އެ ނިންމުމަށް އަމަލުކުރުމަށް ސަރުކާރަށް ލާޒިމްވަނީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ކަމަށެވެ.

ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަންރައިޓްސް އާއި ކޮވިނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް، މި ދެ މުއާހަދާއަކީ ވެސް ރާއްޖެއިން ސޮއިކޮށްފައިވާ ދެ މުއާހަދާ ކަމަށާއި އެ ދެ މުއާހަދާ އަކީ ވެސް އިންސާނީ ޝަރަފާއި ކަރާމަތަށް މަސައްކަތް ކުރުމަށްޓަކައި ކޮންމެހެން ހިމާޔަތްކޮށް ކަށަވަރުކުރަންޖެހޭ ހައްގުތަކެއް ބަޔާންކުރާ ދެ މުއާހަދާ ކަމަށް ރިއްފަތު ވިދާޅުވިއެވެ.

"ފާހަގަކޮށްލަންޖެހޭ ކަމަކީ ދިވެހިރާއްޖެއަކީ މިދެންނެވި މުއާހަދާގަ ސޮއިކޮށްފަ އަދި ގާނޫނު އަސާސީގެ 93 ވަނަ މާއްދާގައިވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ވަނީ އެކަން ފާސްކޮށްފަ،" ރިއްފަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 1965 ވަނަ އަހަރުން ފެށިގެން އަދިވެސް ރާއްޖެއަކީ އދ.ގެ މެމްބަރު ގައުމެއް ކަމަށާއި އެހެންކަމުން އދ.ގެ ގުނަވަނަކުން ނިންމާ ނިންމުމަކަށް ނޫނެކޭ ބުނުމަކީ އދ. އަށް ނޫނެކޭ ބުނުން ކަމަށެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމުން އެހެން ބުނާއިރު، ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ރައީސް ނަޝީދަށް އިއްވި ހުކުމުގެ މައްސަލަ އަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހިނގަހިނގައި އޮތް މައްސަލައެއް ކަމުގައިވުމުން ޔޫއެންޑަބުލިއުޖީއޭޑީ އަށް އެ މައްސަލަ ބެލިދާނެ ކަމަށް ސަރުކާރުން ގަބޫލުނުކުރާ ކަމަށެވެ.