އެއް މަސް ދުވަސް ވަންދެން ކޮންމެ ނަމާދަކަށް ފަހު ކިޔަން އަންގާފައި ވާނީ ޤުނޫތުއް ނާޒިލާ ކަމަށާއި އެއީ ކުރަން ޖެހޭނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ޔޫޓިއުބްގައި އާންމުކޮށްފައިވާ ވީޑިއޯ އެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިޚު އިބުރާހީމް އަޙްމަދު ވިދާޅުވެފައި ވަނީ ޤުނޫތުއް ނާޒިލާ ކިޔަނީ ރާއްޖެއަށާއި މުޅި އިސްލާމީ އުއްމަތަށް ވެސް ކުރިމަތިވެފައިވާ އެކި އެކި މުސީބާތްތަކާ ގުޅިގެން ކަމަށެވެ.

"...އަސްލުގައި އަޅުގަނޑުމެން މިތާނގައި ދުއާގެ މާނައިގައި އަޅުގަނޑުމެން މި ކިޔަނީ ޤުނޫތުއް ނާޒިލާ،" ވީޑިއޯގައި އިބުރާހީމް ވިދާޅުވެފައި ވެއެވެ.

ވީޑިއޯގައި އިސްލާމީ މަރުކަޒުގެ އިމާމު އައްޝައިޚު މުޙައްމަދު ލަތީފު ވިދާޅުވީ ޤުނޫތުއް ނާޒިލާ ކިއުމަކީ ޝައްކެތް ނެތި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ސާބިތުވާ ކަމެއް ކަމަށެވެ. އަދި އެއީ މުދިމުން ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

"...މިއަދު ޝައްކެއް ވެސް ނެތް އިސްލާމީ އުއްމަތަށް މިދިމާވެފައިވާ ހިއްތަދިކަމާއި އަދާވަތްތެރީން އިސްލާމީ އުއްމަތް ބަލިކޮށްލުމަށް ޓަކައި އެމީހުން ރާވާ ރޭވުންތަކާއި އަދި އަޅުގަނޑުމެންގެ ރާއްޖެވެސް މިއަދު ވަރަށް ނުރައްކާތެރި މަރުހަލާއަކަށް އައިސްފައި ވާތީ މިއަދު އަޅުގަނޑުމެންނަށް މިވަނީ އަޅުގަނޑުމެންގެ މިފަދަ ކަންތައްތަކާ ގުޅޭ މިނިސްޓްރީން އަޅުގަނޑުމެންގެ އިމާމުން މިގުނޫތު ކިއުމަށްޓަކައި އަންގަވާފައި. އެހެންވީމާ މި އަންގަވާފައިވާ އެންގުމަށް މިއީ އަޅުގަނޑުމެން އަމަލުކުރަން ޖެހޭނެ އެންގުމެއްކަން، އަޅުގަނޑުމެންގެ ދީނުގައި އަޅުގަނޑުމެންނަށް އަންގަވާފައިވާ ގޮތްކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ،" ޝައިޚު ލަތީފު ވިދާޅުވެފައި ވެއެވެ.

އޭނާ އަދި ވިދާޅުވީ އިމާމުން އެ ގުނޫތު ކިޔަމުން ދާއިރު މައުމޫމުން އާމީން ކިޔަން ޖެހޭނެ ކަމަށެވެ.