26 Mar 2011, 17:17
އޭއެފްސީ ޗެލެންޖްކަޕް ކޮލިފައިންގައި ރޭ ކުޅެވުނު މެޗުގައި އުނދަގޫތަކަކަށްފަހު 4-3 ލަނޑުން ކެމްބޯޑިއާ ބަލިކޮށް ކިރުގިސްތާން މޮޅެއް ހޯދައިފި އެވެ.
ގްރޫޕްގެ ފަހު މެޗަށް ނުކުތްއިރުވެސް ދެ ޓީމު އޮތީ ކަޓާފައެވެ. އެއީ ރާއްޖެ އާއި ތަޖިކިސްތާން އަތުން ދެ ޓީމުވެސް ބަލިވެފައިވާތީ އެވެ. އެހެންކަމުން ރޭގެ މެޗުގައި ދެ ޓީމުންވެސް މަސައްކަތްކުރީ އެޓޭކިން ގޭމެއް ކުޅުމަށެވެ. މެޗުގެ ފުރަތަމަ ލަނޑު ވަރަށް ކުރީކޮޅު ކާމިޔާބު ކުރީ ކިރުގިސްތާނުންނެވެ. ކެމްބޯޑިއާ ކުޅުނު ތިން މެޗުގައި ވެސް މެޗުގެ ވަރަށް ކުރީކޮޅު ވަނީ ގޯލު ވަދެފައެވެ.
ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ކެމްބޯޑިއާއިން އެއްވަރު ކުރި ނަމަވެސް އިތުރު ވަގުތުގައި ކިރުގިސްތާނުން ވަނީ އަނެއްކާވެސް ލީޑް ނަގާފައެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ކެމްބޯޑިއާއިން ވަނީ އަނެއްކާވެސް އެއްވަރުކޮށްފައެވެ.
79 ވަނަ މިނެޓްގައި ތިން ވަނަ ފަހަރަށް ކިރުގިސްތާނުން ލީޑް ނެގިއެވެ. އަދި އޭގެ ކުޑއިރުކޮޅެއްފަހުން ޖެހިލަނޑުން 4-2ށް ސްކޯ ބަދަލުވިއެވެ. ކެމްބޯޑިއާގެ ފަހު ގޯޅު ޖެހީ މެޗު ނިމެނިކޮށެވެ.
މިއީ މުބާރާތުގައިވެސް ކެމްބޯޑިއާ އެންމެ ރަނގަޅަށް ކުޅުނު މެޗެވެ. މިނަތީޖާގެ ސަބަބުން ކިރުގިސްތާނަށް ތިން މެޗުން ތިން ޕޮއިންޓް ލިބުނުއިރު ކެމްބޯޑިއާ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ. ނަމަވެސް މުބާރާތް ނިމުނުއިރު އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައިވަނީ އެޓީމުގެ ކޯޗަށެވެ. ސަބަބަކީ މެޗަކަށްވުރެ މެޗެއްގައި ކުޅުން ރަނގަޅުވުމެވެ.