05 Oct 2015, 16:15
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް ތަސްދީގު ނުކުރައްވައި މަޖިލީހަށް ފޮނުވާލެއްވި މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު އަލުން ދިރާސާ ކުރުމުގެ ގޮތުން އަނބުރާ ކޮމެޓީ އަށް ފޮނުވާލައިފި އެވެ.
ބިލު އަނބުރާ ކޮމެޓީއަށް ފޮނުވާލުމަށް ވޯޓު ދެއްވީ 51 މެމްބަރުން ނެވެ.
އެ ބިލު ތަސްދީގު ނުކުރައްވައި ރައީސް ޔާމީނު މަޖިލީހަށް އަނބުރާ ފޮނުވާލެއްވި އިރު އެ ބިލު ތަސްދީގު ނުކުރެއްވި ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް ރައީސް ޔާމީނު ވަނީ ސިޓީފުޅެއް ފޮނުއްވަވާފަ އެވެ.
އެ ސިޓީފުޅުގައި، ބިލަށް އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، ބިލާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ތަފްޞީލުކޮށް ބައްލަވާލައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން މީގެ ކުރިން ބުނީ އެޓާނީ ޖެނެރަލް ފާހަގަކުރައްވާފައިވާ މައްސަލަތަކަށް ރިޢާޔަތް ކުރައްވައި، އެ ބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.
މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ސަރުކާރުގެ މެމްބަރު މަހިބަދޫ ދާއިރާގެ އަހުމަދު ތާރިގު (ޓޮމް) ވަނީ މައާފުކޮށް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިތައް ކަނޑައަޅާފައިވާ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ރ) އަށް އިސްލާހު ގެނައުމަށް ހުށަހަޅައިފަ އެވެ.
އެ މާއްދާގައި ވަނީ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ، އެ ކުށަކާ ގުޅިގެން އެ އަށްވުރެ ލުއި އަދަބުތަކެއް ކަނޑައެޅުމަށް ވެސް ގާނޫނުގައި ފުރުސަތު ލިބިގެންވާ ކުށެއް ކަމުގައި ވާހިނދު އޭގެ ތެރެއިން ލުއި ބާވަތެއްގެ އަދަބަށް އޭނާގެ އަދަބުގެ ބާވަތް ބަދަލުކޮށް ދިނުމަކީ ވެސް މައާފްކޮށް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިއެއް ކަމަށެވެ.
އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ ބާވަތް ބަދަލުކޮށް ދިނުމަކީ ވެސް މައާފްކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިއެއް ކަމަށެވެ.
އެ އިސްލާހު އެގޮތަށް ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި ނަމަ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ގޭބަންދަށް ބަދަލުކުރުމުގެ ބާރު ގާނޫނީ ގޮތުން ރައީސަށް ލިބިގެންދާނެ އެވެ.