26 Mar 2011, 17:16
އޭއެފްސީ ޗެލެންޖްކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފަހު މެޗުގައި ތަޖިކިސްތާނާ އެއްވަރުކޮށް ގްރޫޕްގެ އެއް ވަނަ ހޯދައިގެން ކޮލިފައިން ނިންމާލައިފި އެވެ.
މެޗަށް ނުކުތްއިރު ބަލިނުވެ އޮތް ދެ ޓީމުގެ ކުރިމަތިލުން އެއްވަރުވީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހިއެވެ. ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށްވެސް ލިބި ބޭކާރުވެފައިވެއެވެ. ހާއްސަކޮށް ރާއްޖޭގެ ޓީމުގެ ސަމްވީލު ގާސިމް(ބޮންޑާ) އާއި މުހުތާރު ނަސީރު(ޓޫކިލޯ) އަދި އައްސަދު އަލީ އަށް ލަނޑު ޖަހާނެ ވަރަށް ހުސް ފުރުސަތުތައް ލިބުނުކަން ފާހަގަ ކުރެވުނެވެ.
މެޗު ފަށައިގެން ރާއްޖޭގެ ޓީމުން ވަރަށް މޮޅަށް ކުޅެ ގިނަ ހަމަލާތަކެެއް އުފެއްދި ނަމަވެސް ފުރަތަމަ ހާފު ނިމެމުން ދަނިކޮށް ތަޖިކިސްތާން ވަނީ ގޭމްގެ ކޮންޓްރޯލު އަތުލާފައެވެ. ދެވަނަ ހާފު ފެށިގެންވެސް މޮޅަށް ކުޅެމުން ދިޔައީ ތަޖިކިސްތާނެވެ. ނަމަވެސް ފަހުހާފުގެ ވަކި ހިސާބަކުން ރާއްޖޭގެ ޓީމުވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްްދާފައެވެ.
އިއްޔެގެ މެޗުގައިވެސް ޕެނަލްޓީ އޭރިޔާ ތެރެއަށް ޑައިވްކުރީ ކަމަށް ނިންމާ އަލީ އަޝްފާގު(ދަގަނޑޭ)އަށް ވަނީ ރީނދޫކާޑެއް ދައްކާފައެވެ. ނަމަވެސް ދިވެހި ގިނަ ބަޔަކު ބުނަނީ އެޓީމުން ދަގަނޑޭ ވައްޓާލީ ކަމަށެވެ. ފުރަތަމަ ކެމްބޯޑިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ދަގަނޑޭއަށް ވަނީ ޑައިވްކޮށްގެން ރީނދޫކާޑެއް ދައްކާފައެވެ.
މެޗު އެއްވަރުވުމުން ރާއްޖެއަށް ގްރޫޕްގެ އެއް ވަނަ ލިބުނީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން ފައިދާ ފަސް ގޯލާއެކުގައެވެ. ދެވަނަ ހޯދި ތަޖިކިސްތާން ވަނީ ހަތް ޕޮއިންޓާ ފައިދާ ހަތަރު ގޯލު ހޯދާފައެވެ.
މިއީ ރާއްޖެ އޭއެފްސީ ޗެލެންޖްކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.