ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ހިނގި ހިތާމަވެރިހާދިސާއާ ގުޅިގެން މިސްރުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހްމަދު އަދީބު އަބްދުލް ޣަފޫރު އަރިހު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިސްރުގެ ރައީސްގެ ޚާއްސަ މަންދޫބު، ހާތަމް އަލް ސައީދު ތަގައްދީން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދީބާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ލޯންޗްކޮޅުގައި މިދިޔަ ހަފްތާގައި ދިމާވި ހިތާމަވެރި ހާދިސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަކުންނާއި ލޯންޗްކޮޅުގައި ދަތުރުކުރެއްވި ބައެއް އެހެން ބޭފުޅުން ޒަޚަމްވެފައިވާތީ، މިސްރުގެ ރައީސާއި، ސަރުކާރާއި، ރައްޔިތުންގެ ނަމުގައި ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މިސްރުގެ ރައީސްގެ ޚާއްސަ މަންދޫބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި މިސްރުގެ ރައްޔިތުން ތިބީ ރާއްޖެއާއެކުގައި ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، އ.ދ.ގެ ސެކިއުރިޓީ ކައުންސިލްގެ ވަގުތީ މެންބަރުކަމަށް މިސްރުގެ ފަރާތުން ކުރިމަތިލުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިހަށް މިޞްރުގެ ރައީސް އަލްސީސީ ފޮނުއްވި ސިޓީފުޅެއް އެރުވިއެވެ.

މިސްރުގެ ރައީސްގެ ޚާއްސަ މަންދޫބު، ހާތަމް އަލް ސައީދު ތަގައްދީން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހްމަދު އަދީބާ ބައްދަލުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އަދީބު އެސިޓީފުޅު ގަބޫލުކުރައްވައި، މިމަހުގެ 15 ވަނަ ދުވަހު ނިއުޔޯކްގައި އޮންނަ އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ވޯޓުގައި ރާއްޖެއިން މިސްރަށް ތާއީދުކުރައްވާނެކަމުގެ ޔަގީންކަން އަދީބު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.