ފޯރަމް އޮފް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް އޮފް ސައުތު އޭޝިއާ (ފެންބޯސާ) ގެ ހަތްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

މިއަހަރު ސްރީލަންކާގައި ބޭއްވި ހަވަނަ ފެންބޯސާ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމާ ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާން ވިދާޅުވީ ހަތްވަނަ ފެންބޯސާ ބައްދަލުވުން ރާއްޖޭގައި ބާއްވަން ފާސްކޮށްފައިވާ ކަމަށެވެ.
ސުލައިމާން ވިދާޅުވީ ރާއްޖޭގައި ބާއްވާ އެ ބައްދަލުވުމަކީ ހުރިހާގޮތަކުންވެސް އެހެން ބައްދަލުވުންތަކާ ތަފާތު އަދި އިންތިޒާމު ރަނގަޅު ބައްދަލުވުމަކަށް ހެދުމަށް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ހަތްވަނަ ފެންބޯސާ ބައްދަލުވުމަށް ތައްޔާރުވުމަށް ކަނޑައަޅާފައިވާ ބަޖެޓަކީ 1.7 މިލިއަން ރުފިޔާއެވެ. ނަމަވެސް އިންތިޒާމުތައް ފުރިހަމަ ކުރުމަށްޓަކައި އެ އަަދަދަށް އަދި ބަދަލުގެންނަން ޖެހިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
މިއަހަރު ސްރީލަންކާގައި ބޭއްވި ފެންބޯސާގެ ހަތްވަނަ ބައްދަލުވުމުގައި އަށް ގައުމަކުން ނުވަ ކަރުދާހެއް ހުށަހަޅާފައިވާއިރު ރާއްޖެއިންވެސް ވަނީ ކަރުދާހެއް ހުށަހަޅާފަ އެވެ. އެބައްދަލުވުމުގައި ރާއްޖެއިން ހުށަހެޅި ކަރުދާހުގައި ފާހަގަކޮށްފައި ވަނީ މިނިވަން އިންތިހާބެއް ކުރިއަށް ގެންދިއުމަށް ޖުޑިޝަރީގެ މުހިންމު ކަމުގެ ވާހަކަ އެވެ.
އިލެކްޝަނސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު އަލީ ވިދާޅުވީ އެބައްދަލުވުމުގައި ބައިވެރިވި އެކި ގައުމުތަކުން ތަފާތު ގިނަ ކަންކަމާ ގުޅިގެން ކަރުދާސް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި އިންތިޅާބުގެ ކަންކަމުގައި އަންހެނުންނާއި ޒުވާނުން ބައިވެރި ކުރުވުމުގެ މުހިންމު ކަމާ ގުޅޭ ގޮތުން ކަރުދާސް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޢަލީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ފެންބޯސާގެ ހަވަނަ ބައްދަލުވުމުގައި ފާހަގަކުރި ކަންކަން

  • އިންތިޚާބު ތަކުގައި އަންހެނުން ބައިވެރިކުރުވުން
  • އިންތިޚާބުގެ ކަންކަމުގައި ޒުވާނުން ބައިވެރި ކުރުވުން
  • ސޯޝިއަލް މީޑިއާގައި އިންތިޚާބުތަކަށް މީހުން އަހުލުވެރި ކުރުވުން
  • ސްޓްރެޓެޖިކް ޕްލޭނެއްގެ މުހިންމު ކަން

ނުކުޅެދުންތެރިކަން ހުއްނަ ފަރާތްތަކަށް އިންތިޚާބުތަކުގައި ފުރުސަތު ދިނުމުގެ މުހިންމު ކަމާ ބެހޭގޮތުން ފެންބޯސާގެ ބައްދަލުވުމުގައި ނުވަ ކަމެއް ހުށަހަޅައި ގައުމުތަކުން އެކަމަށް އަމަލުކުރުމަށް އެއްބަސްވި ކަމަށްވެސް ސެކްރެޓަރީ ޖެނެރަލް އަޙްމަދު އަލީ ވިދާޅުވި އެވެ.

ިަ