ރާއްޖެއިން އެކަނި ޖުމްލަ 7000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ އޯލެވެލް އިމްތިހާނު މިއަދު ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)ގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބް "ސަން" އަށް ވިދާޅުވީ، އޯލެވެލް އިމްތިހާނު ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ފަށަން ހަމަޖައްސާފައިވާ އިރު، މިއަދު އޮންނާނީ ޓްރޭވަލް އެންޑް ޓޫރިޒަމް މާއްދާ ކަމަށެވެ.

ސަރުކާރުގެ ސްކޫލުތަކާއި ޕްރައިވެޓް ސެންޓަރުތަކުން ގިނަ ދަރިވަރުންތަކެއް އޯލެވެލް އިމްތިހާނުގައި ބައިވެރި ވެފައިވާއިރު، މިފަހަރުގެ އިމްތިހާނުގައި ޖުމްލަ 192 ސްކޫލަކުން 5،365 ދަރިވަރުން ވަނީ ބައިވެރި ވެފައެވެ. ޕްރައިވެޓް ސެންޓަރުތަކުން ބައިވެރިވެފައި ވަނީ 1،701 ދަރިވަރުން ކަމަށް ޑީޕީއީ އިން ވަނީ ބުނެފައެވެ. އެދަރިވަރުން ބައިވެރި ވެފައިވަނީ ޖުމްލަ 47 ސެންޓަރަކުންނެވެ.

މާލޭގެ 21 ސްކޫލަކުން މިއަހަރު ޖުމްލަ 1،680 ދަރިވަރަކު އޯލެވެލް ހަދާއިރު އަތޮޅުތަކުގެ 171 ސްކޫލަކުން 3،685 ދަރިވަރުން އޯލެވެލް ހަދާނެ ކަމަށް ވެސް ޑީޕީއީ އިން ބުންޏެވެ.

މިފަހަރުގެ އޯލެވެލް އިމްތިހާނުގައި ޕްރައިވެޓުކޮށް ބައިވެރިވާ ސެންޓަރުތަކުގެ ތެރެއިން ތިން ސެންޓަރަކީ މާލޭގެ ތިން ސެންޓަރެވެ. އެގޮތުން އެ ސެންޓަރުތަކުން ޖުމްލަ 667 ދަރިވަރުން އޯލެވެލް އިމްތިހާން ހަދާނެ އެވެ. އަދި އަތޮޅުތަކުގެ 44 ސެންޓަރަކުން 1،034 ދަރިވަރުން ވަނީ އޯލެވެލް އިމްތިހާނުގައި ބައިވެރި ވެފައެވެ.

މިއަހަރާ އަޅައިބަލާއިރު މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ސްކޫލުތަކުން ބައިވެރިވި އަދަދު އިތުރެވެ. އެގޮތުން މިދިޔަ އަހަރު އޯލެވެލް އިމްތިހާންގައި 194 ސްކޫލަކުން 7،202 ދަރިވަރުން ވަނީ ބައިވެރި ވެފައެވެ.