ިރިޒޯޓް ހެދުމުގެ ކުރިންނާއި ބޮޑެތި މަޝްރޫއުތައް ފެށުމުގެ ކުރިން ހަދަންޖެހޭ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް ހެދުމުގެ މަސައްކަތް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން ޓުއަރިޒަމް މިނިސްޓްރީ އަށް ބަދަލުކުރުމުގެ ނަތީޖާ ރަނގަޅު ނުވެދާނެ ކަަމަށް ޔޫރިޕިއަން ޔޫނިއަން ބުނެފިއެވެ.

ހޮޓެލް ޖެންގައި މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫރަޕިއަން ޔުނިއަންގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ އެމްބަސެޑަރު ޑޭވިޑް މާޓިން ޑެލީ ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ ތަޖުރިބާ ދައްކާގޮތުން 'އެފަދަ ބަދަލުތަކުން' ރަނގަޅު ނަތީޖާ އެއް ނުނުކުންނަ ކަމަށެވެ.

"އެފަދަ ބަދަލުތަކުގެ ސަބަބުން މައްސަލަތަށް ދިމާވުމާއި މަސްލަހަތު ފުށުއެރުން ފަދަ ކަންތައްތައް ދިމާވޭ" ޑޭވިޑް މާޓިން ވިދާޅުވިއެވެ.

އަދި ޔޫރަޕިއަން ޔޫނިއަންގެ ތަޖުރިބާގެ އަލީގައި ރާއްޖެ އަށް ނަސޭހަތްތެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޑޭވިޑް މާޓިން ވިދާޅުވިއެވެ. އެލަޔަންސް އޮފް ސްމޯލް އައިލެންޑްސް ސްޓޭޓްސްގެ ޗެއާގެ ގޮތުގައި ރާއްޖޭން ކުރަމުންދާ މަސައްކަތަށް އެހީތެރިވާނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީއައިއޭ ހެދުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވަނީ މިދިޔަ އެޕްރިލް މަހު އެވެ.