26 Mar 2011, 17:11
ޓެކްސީ ޑްރައިވަރަކު ގަދަކަމުން ބެހެން އުޅުނު އަންހެން ކުއްޖާ އަށް އަބަދުކަހަލަ ގޮތަކަށް ޝޮކް ލިބި އެއްފަޅިން ވާގިދާހެން ހީވާތީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.
އެސްޓީއޯ ގައި މަސައްކަތް ކުރާ އުމުރުން 20 އަހަރުގެ އެ އަންހެން ކުއްޖާ އައިޖީއެމްއެޗްގައި އޮވެ ސަން އަށް މަޢުލޫމާތު ދެމުން މިއަދު ބުނީ އެ ހާދިސާގައި އޭނާގެ މޫނު މައްޗަށް ކޮންމެވެސް ވަރަކަށް އަނިޔާ ވެފައިވާ ކަމަށާއި އަދި ކޮނޑުމަތީގައި ނިޔަފެތި ވެސް އެޅިފައިވާ ކަމަށެވެ. އެ އަންހެން ކުއްޖާ ބުނީ ހޮސްޕިޓަލަށް ބުރާސްފަތި ދުވަހު ދިޔައީ ހާސްވާ ގޮތްވެ، ވާތް ފަރާތް ވާގިދާހެން ހީވާތީ ކަމަށެވެ.
"ޑޮކްޓަރު ބުނީ ޕެރަލައިޒްވާހެން ހީވަނީ މާބޮޑަށް ވިސްނައި ފިކުރުކުރާތީ ނާރުތަކަށް ބާރުކުރާތީ ކަމަށް،" އަންހެންކުއްޖާ ބުންޏެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ އަންހެން ކުއްޖާ އަށް އިތުރަށްފަރުވާ ކުރުމަށް މިހާރު ވަނީ ރާއްޖެ އިން ބޭރަށް ގެންދާ ގޮތަށް ހަމަޖެހިފަ އެވެ.
އަންގާރަ ދުވަހު ދިމާވި އެ ހާދިސާ އާ ގުޅިގެން އަންހެންކުއްޖާ އަށް ނަފްސާނީ ގޮތުން ޝޮކެއް ލިބިފައިވާ އިރު ދޭތެރެ ދޭތެރެ އިން އޭނާ ހޭނެތޭ ކަމަށް ވެސް އަންހެން ކުއްޖާގެ ރައްޓެއްސަކު ސަން އަށް ކިޔައިދެމުން ބުންޏެވެ.
އަންހެން ކުއްޖަކާއާ ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގަން މަސައްކަތް ކުރި ޓެކްސީ ޑްރައިވަރެއްގެ މައްސަލަ ފުލުހުން ވަނީ މިހާރު ބަލަން ފަށައިފަ އެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދިނެވެ.
މިދިޔަ އަންގާރަ ދުވަހު އެ އަންހެންކުއްޖާ ޓެކްސީ އަށް އެރީ އެސްޓީއޯ ހެޑް އޮފީހުގައި މަސައްކަތްކުރަން ހުރުމަށް ފަހު، 1:30 އެހާކަންހާއިރު ބްރޭކް ގަޑިއަށް ގެއަށް ދިއުމަށެވެ. އަންހެންކުއްޖާ ގުޅީ 1414 ޓެކްސީ ސެންޓަރަށް ކަމަށް އޭނާގެ ރައްޓެއްސަކު ބުންޏެވެ.
އަދި އަންހެން ކުއްޖާ ގޮވައިގެން އެ ޓެކްސީ ޑްރައިވަރު ގޮސް މަޑުކުރީ ކަސްޓަމްސްގެ ލޮރީ ޕާކުކުރާ ސަރަހައްދަށް ކަމަށާއި އެތަނަށް ގޮސް، ގަދަކަމުން އަންހެންކުއްޖާއާ ބެހެން މަސައްކަތްކުރީ ކަމަށް ވެސް އެ އަންހެން ކުއްޖާގެ ރައްޓެއްސަކު ބުންޏެވެ.
އޭނާ ބުނީ، އެތަނުން އެ ޑްރައިވަރު ނައްޓާލީ އަންހެން ކުއްޖާ ރޮއެ، އަޑުގަދަކުރަން ފެށުމުން ކަމަށާއި ޓެކްސީ ދުއްވައިފައި ދިޔައިރު ވެސް އެކިފަހަރުމަތިން އޭނަ ގަޔަށް އަތްލައި، ބެހެން މަސައްކަތްކުރި ކަމަށެވެ. އެ އަންހެންކުއްޖާ ސަލާމަތްވީ، ޗާނދަނީ މަގުން ދުއްވައިފައި ގޮސް މަޖީދީ ގަމަށް ނުކުންނަން ލައިޓުގައި މަޑުކޮށްގެން އޮއްވައި، އަންހެންކުއްޖާ ޓެކްސީން ފޭބުމުން ކަމަށް ވެސް ބުންޏެވެ.
ޓެކްސީން ފޭބުމަށް ފަހު އަންހެން ކުއްޖާ ދުވެފައި ގެއަށް ގޮސް އޮފީސް މީހުންނަށް ގުޅައި އެވާހަކަ ކިޔައިދިން ކަމަށް ވެސް އޭނާ ބުންޏެވެ.
ނަމަވެސް، ސާދަސާދަ ޓެކްސީ ސެކްޓަރުން އެކަން ދޮގުކުރެ އެވެ. އެ ޓެކްސީ ސެންޓަރުގެ ވެރިފަރާތުން ބުނީ، އެގަޑީގައި އެތަނަށް ފޮނުވި ސެންޓަރުގެ ކާރުގެ ޑްރައިވަރު އެއީ ބެހެން އުޅުނު މީހާ ނޫން ކަމަށް އަންހެންކުއްޖާ ބުނެފައިވާތީ، އެކަން ހިނގައިފައި ވަނީ އެ ސެންޓަރުގެ ކާރެތެރޭ ނޫން ކަން އެނގޭ ކަމަށެވެ.