ވޯލްޑްކަޕް ކޮލިފައިންގައި ވާދަކުރާ ދިވެހި ގައުމީ ފުޓްބޯޅަ ޓީމްގެ ސުކޮޑް އެކުލަވާލައި ރޭ އިންޑިއާގެ ކަލްކަތާއަށް ފުރައިފި އެވެ.

ދޭވީސް ކުޅުންތެރިންގެ ސުކޮޑް ނަގާފައި މި ވަނީ 38 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކުންނެވެ.

ސްކޮޑުން ބާކީކުރި ކުޅުންތެރިންނަކީ ވެލެންސިއާގެ އަހުމަދު ވިޝާމް އާއި ޔޫސުފް ރަމީޒާއި އަހުމަދު ރިލްވާން އާއި ހުސައިން ނިހާނާއި ވިކްޓަރީގެ ކީޕަރު މުހައްމަދު ޖަޒްލާން އާއި ހިސާމް ސަލީމާއި މާޒިޔާގެ މޫސާ ޔާމީން ކީޕަރު އިމްރާނު މުހައްމަދު އާއި އީގަލްސްގެ އަހުމަދު ނޫމާން އާއި އަހުމަދު ރިޒްވާން އާއި އިބްރާހީމް ހަމްދާން އާއި ޓީސީގެ ނާއިޒް ހަސަން އާއި ނިއުރޭޑިއަންޓްގެ މުހައްމަދު ކަރަމް އާއި އަހުމަދު ސުހައިލް އާއި އަލީ ފާސިރު (ސެންޓޭ) އެވެ. މި ކުޅުންތެރިންގެ ތެރެއިން ނޫމާންއާ އިމްރާން ތިބީ އިންޖަރީގަ އެވެ. ސެންޓޭއާ ރިޒްވާން ބާކީކުރީ ހުއްދަ ނުހޯދައި އޭދަފުށީގައި އޮތް މުބާރާތެއް ކުޅުމުންނެވެ.

ޓީމަށް އަލަށް ނަގާފައިވާ ކުޅުންތެރިންގެ ތެރޭގައި ވެލެންސިއާގެ ކެޕްޓަން އިބްރާހީމް އަބުދުﷲ އާއި މަހިބަދޫގެ ސަމޫހް އަލީ ހިމެނެ އެވެ.

ގައުމީ ޓީމު ކަލްކަތާ އަށް ފުރިއިރު، ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ވައިސް ކެޕްޓަން މުހައްމަދު އާރިފް (ބަކާ) ވެސް ދިޔަ އެވެ. އެހެން ނަމަވެސް އިއްޔެގެ ފައިނަލުގައި ލިބުނު އަނިޔާ އަށް ފަރުވާ ހޯދުމުގެ ގޮތުން، ނިއުގެ މުހައްމަދު ރަޝީދު (ހޮކޭ) އާއި އަސްހަދު އަލީ (އަޑުބަރޭ) ޓީމާ އެކު ނުދެ އެވެ. މި ދެ ކުޅުންތެރިން ޓީމާ ގުޅޭނީ މިއަދު ކަމަށް އެފްއޭއެމުން ބުނެ އެވެ.

މި މެޗަށް ފަހު ގައުމީ ޓީމު މި މަހުގެ 12 ވަނަ ދުވަހު ގަތަރާ ދެކޮޅަށް ކުޅެން އެ ގައުމަށް ވެސް ދާނެ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމު ކުޅޭ މި ދެ މެޗަކީ އާ ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓް ޓީމާ ހަވާލުވުމަށްފަހު ގައުމީ ޓީމު ކުޅޭ ފުރަތަމަ ދެ މެޗެވެ. ނަމަވެސް ނިއު އާއި މާޒިޔާގެ ކުޅުންތެރިން ނުލައި ބާކީތިބި ކުޅުންތެރިންނާއެކު އޭނާ ފަރިތަކޮށްފައި ވަނީ އެންމެ ހަތް ދުވަހު އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ މިހާތަނަށް ވަނީ ތިން މެޗެއް ކުޅެފަ އެވެ. މާލޭގައި ގަތަރު އަތުން 1-0 އިން ބަލިވުމަށްފަހު ގައުމުން ބޭރުގައި ހޮންކޮން އަތުން 2-0 އިން އަދި ޗައިނާ އަތުން ބަލިވީ 3-0 އިންނެވެ.

ބޫޓާނާއި ގަތަރާ ދެކޮޅަށް ކުޅެން ނެގި ގައުމީ ޓީމު:

ގައުމީޓީމުގެސްކޮޑު:

ނިއުރޭޑިއަންޓް:

  • ޝާފިއު އަހުމަދު (ޝާފީ)

  • މުހައްމަދު ރަޝީދު (ހޮކޭ)
  • އަހުމަދު އަބުދުﷲ (ލިލީ)
  • އަސްއަދު އަލީ (އަޑުބަރޭ)
  • ހަމްޒާ މުހައްމަދު (ހަމްޕު)

ޓީސީ:

  • މުހައްމަދު އިމްރާން (ގޯލްކީޕަރު)

  • އަހުމަދު ޒާދު

ވެލެންސިއާ:

  • އަހުމަދު އާތިފް (ގޯލްކީޕަރު)

  • އިބްރާހީމް އަބުދުﷲ (އިއްބެ)
  • އަކުރަމް އަބުދުލްގަނީ

ބީޖީ:

  • އިބްރާހީމް އިފްރާހު އަރީފް (ގޯލްކީޕަރު)

މާޒިޔާ:

  • އަމްދާން އަލީ (އެންޑީ)

  • މުހައްމަދު އުމެއިރު
  • މުހައްމަދު އިރުފާން (އިރޭ)
  • އަސަދުﷲ އަބުދުﷲ
  • އަހުމަދު ނާޝިދު (ނާއްޓޭ)
  • ސަމްދޫހު މުހައްމަދު
  • އަހުމަދު އިމާޒް (އާއްކޮ)

މަހިބަދޫ:

  • ސަމޫހް އަލީ

އީގަލްސް:

  • އިސްމާއީލް އީސާ (މެސީ)

  • މުޖުތާޒް މުހައްމަދު

ކޭބީޒެޑް (މިޔަންމާ)

  • މުހައްމަދު އާރިފް (ބަކާ)

ޕީޑީއާރުއެމް:

އަލީ އަޝްފާގް (ދަގަނޑޭ)