އައްޑޫ ސިޓީ އާއި ފުވައްމުލަކު ކުޅިތަކުން ނާއި ޗަސްބިންތަކުން އިގްތިސާދީ ނަފާ ހޯދަން 4.2 މިލިއަން ޑޮލަރުގެ މަޝްރޫއެއް މިނިސްޓަރު އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ ޑރ. ތާރިގު އިބްރާހިމް އިފްތިތާހު ކޮށްދެއްވައިފި އެވެ.

ހޮޓެލް ޖެނުގައި މިއަދު އޮތް ރަސްމިއްޔާތުގައި އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވަމުން މިނިސްޓަރު ތާރިގު ވިދާޅުވީ ކްލައިމެޓް ޗޭންޖު އެޑެޕްޓޭޝަން ފަންޑްގެ އެހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ސަބަބުން ތިމާވެށްޓަށް ނޭދެވޭ އަސުރުކުުރުމެއް ނެތި އިގްތިސާދީ ފައިދާ ލިބިގެންދާނެ ކަމަށެވެ.

އެ ފަންޑަކީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށްޓަކައި ޔޫރަޕިއަން ޔުނިއަން އަދި އޮސްޓްރޭލިއަން އެއިޑްގެ ހިލޭ އެހީގެ ދަށުން އުފައްދާފައިވާ ފަންޑެކެވެ. އެ ފަންޑުގެ ދަށުން ކުރިއަށް ގެންދާ ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ (ސީކެޕް) ގެ ދެ ވަނަ ފިޔަވަހީގެ ދަށުން އައްޑޫ އާއި ފުވައްމުލަކުގައި ކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި އެ ދެ އަތޮޅުގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދުގައި ކުނި މެނޭޖުކުރުން ހިމެނެ އެވެ.

އެ މަޝްރޫއުގެ ދަށުން ކުޅިތަކުގެ ސަރައްހައްދުގައި ފަތުރުވެރިކަމަށް ބޭނުންވާ އިންފްރާސްޓަރަކްޗާ ގާއިމުކުރެވޭނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އޭގެ ބޭނުމަކީ އެ ކުޅިތަކުގެ އިގްތިސާދީ ނަފާ އެ ދެއަތޮޅުގެ ރައްޔިތުންނަށް ގެނެސްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ކުޅި ތަކަކީ ހަމައެކަނި ތިމާވެށީގެ ގޮތުންނާއި ގުދުރަތީ ދިރުމަށް އެހީތެރިވެދޭ ތަންތަންގޮތުގައި ބޭއްވުމުގެ އިތުރުން އެތަންތަނުން އިގްތިސާދީ ނަފާލިބޭނެ ކަަން ދެއްކުން" ތާރިގު ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި މިފަދަ މަޝްރޫއެއް ހިންގާ ފުރަތަމަ ފަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުޅިތަކުގެ ކުނި މެނޭޖްކުރުމުގެ އުސޫލެއް ގާއިމުކުރާނެ ކަމަށް މިނިސްޓަރު ތާރިގު ވިދާޅުވިއެވެ.

"މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ އަދި ފުވައްމުލަކުގެ ފަރުތަކާއި ކުޅިތައް މެނޭޖްކުުރުމަށް ހަރުދަނާ ފިޔަވަޅުތައް އަޅާނެ،" މިނިސްޓަރު ތާރިގު ވިދާޅުވިއެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އެ ދެ އަތޮޅުގެ ރިސޯޓްތަކާއި ޑައިވިން ސެންޓަރުތަކާއި ގުޅިގެން އެ ދެއަތޮޅުގެ ފަރުތަކުގެ ހާލަތު ދެނެގަތުމަށް ޕްރޮގްރާމެއް ހިންގާނެ ކަމަށް މިނިސްޓަރު ތާރިގް ވިދާޅުވިއެވެ.

އަދި އެ ޕްރޮގްރާމުން އެއްކުރެވޭ މައުލޫމާތުގެ އަލީގައި ފަރުތަކުގެ މާހައުލު ރައްކާތެރިކުރުމަށް އެކިކަންތައް ނިންމޭނެ ގޮތްތައް ދިރާސާކުރެވޭނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތިން އަހަރަށް ކުރިއަށް ގެންދާ އެ މަޝްރޫއު ކާމިޔާބުކަމާ އެކު ގެންދިއުމަށް ސަރުކާރާއި ކައުންސިލްތަކާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫރަޕިއަން ޔުނިއަންގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ އެމްބަސެޑާ ޑޭވިޑް މާޓިން ޑެލީ ވިދާޅުވީ ގައުމުގެ ބޮޑު ކުޑަ މިނަށް ނުބަލާ ދުނިޔެ ސަލާމަތްކުރަން މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ތިމާވެށްޓާއި ގުޅުން ހުރި މައްޝޫރުއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޔޫރަޕިއަން ޔުނިއަންގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ އެމްބަސެޑާ ޑޭވިޑް މާޓިން ޑެލީ މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސީކެޕްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ވަނީ ތިން ރަށެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމް ގާއިމުކޮށްފަ އެވެ. އެއީ އދ. ފެންފުށި، އއ. އުކުޅަސް އަދި ތ ވަންދޫ އެވެ. އެ ފިޔަވަހީގައި ވަނީ ގދ. ތިނަދޫގައި ސޯލާ ޕެނަލް ވެސް ހަރުކޮށްފައެވެ.