ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ކުޑަ ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ނިންމައިފި އެވެ.

މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ މޭޔަރުންނަށް މިހާރު ދެމުން ގެންދާ 30،000 ރުފިޔާގެ އަސާސީ މުސާރަ 15،000 ރުފިޔާއަށް ކުޑަ ކުރުމަށެވެ. ލިވިން އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު މޭޔަރަކަށް ލިބޭ 15،000 ރުފިޔާއިން 3،000 ރުފިޔާއަށް ކުޑަ ކުރަން ވެސް ވަނީ ނިންމާފަ އެވެ.

ކާރު އެލަވަންސްގެ ގޮތުގައި މޭޔަރުންނަށް 7،500 ރުފިޔާ ލިބެ އެވެ.

ޑެޕިއުޓީ މޭޔަރުންގެ މުސާރަ ވަނީ 27،000 ރުފިޔާއިން 12،000 ރުފިޔާއަށް ކުޑަ ކުރަން ނިންމާފަ އެވެ. މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ ލިވިން އެލަވަންސްގެ ގޮތުގައި ޑެޕިއުޓީ މޭޔަރުންނަށް ދެމުން ގެންދާ 8،000 ރުފިޔާ ވަނީ 2،000 ރުފިޔާއަށް ކުޑަ ކުރުމަށެވެ.

ސިޓީ ކައުންސިލްތަކުގެ މެމްބަރުން އަސާސީ މުސާރަ ކުޑަކޮށްފައި ވަނީ 19،000 ރުފިޔާއިން 10،000 ރުފިޔާއަށެވެ. ލިވިން އެލަވަންސްގެ ގޮތުގައި މެމްބަރުންނަށް ލިބޭ 6،000 ރުފިޔާ ވަނީ 1،500 ރުފިޔާއަށް ކުޑަކޮށްފަ އެވެ.

ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ކުޑަކުރަން މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ އެ ކައުންސިލްތަކުން ދެމުން ގެންދާ ބައެއް ހިދުމަތްތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވަނިކޮށެވެ. މާލޭ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރުން ފިޔަވައި ދެން ތިއްބެވި މެމްބަރުންނަކީ އެމްޑީޕީގެ ކައުންސިލަރުންނެވެ. އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުންނަކީ ވެސް އެމްޑީޕީގެ ޓިކެޓުގައި އެ ކައުންސިލަށް ހޮވިފައިވާ މެމްބަރުންނެވެ.