މިދިޔަ އަހަރު ޣާޒީ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަފާފް އަބްދުﷲ ހޮވިއްޖެ އެވެ.

ޣާޒީ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަގާމް އަފާފް ހާސިލްކޮށްފައިވާ އިރު، އޭނާ ވަނީ މިދިޔަ އަހަރު ޖީސީއީ އޯލެވެލް އިމްތިހާނުގައި ގައުމީ ގަދަ ދިހައެއްގެ އެއް ވަނަ ވެސް ހާސިލުކޮށްފަ އެވެ.

ރޭ ހުޅުމާލެ ޣާޒީ ސުކޫލުގައި ބޭއްވި އެ ސުކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވަނީ އެ ސުކޫލުުން އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ފަސް ދަރިވަރުން ހޮވާފަ އެވެ.

ޣާޒީ ސްކޫލުން ވަނަ ހޯދި ދަރިވަރަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އިނާމު ހަވާލު ކޮށްދެއްވަނީ.--ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަހަރީ އިނާމު ދިނުމުގެ މި ރަސްމިއްޔާތުގައި މިދިޔަ އަހަރު އެ ސްކޫލުން އެކި ގޮތްގޮތުން ފާހަގަ ކޮށްލެވުނު 141 ދަރިވަރަކަށް އިނާމު ދީފައިވެ އެވެ.

އެގޮތުން، މިދިޔަ އަހަރު އެ ސްކޫލުން ޖީސީއީ އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް ވަނީ އިނާމު ދީފަ އެވެ.

އަދި މިދިޔަ އަހަރު ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެ ސްކޫލަށް ރަން ވަނަ ހޯދައި ދިން ދަރިވަރުންގެ އިތުރުން، ކިޔެވުމާއި ކުޅިވަރު ހަރަކާތްތަކުން ވަނަ ވަނައަށް އައި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް އެދަރިވަރުންނަށް ވެސް މި ރަސްމިއްޔާތުގައި އިނާމާއި ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ.