26 Mar 2011, 15:55
ހއ. ދިއްދޫގައި އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކާ ގަދަ ކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ 86 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ ރަށު މީހަކު ބުނި ގޮތުގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އުމުރުން ދުވަސްވީ އެ މީހާ އެ އަމަލު ހިންގީ ކުޑަ ކުއްޖާ އޭނާގެ ގޭގެ ޖޯލިފަތީގައި އޮއްވަ އެވެ. އަދި އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ އަންހެން ކުއްޖާގެ އާއިލާ އިން ކަމަށް ވެސް ބުންޏެވެ.
އެރަށު ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ސަން އަށް މައުލޫމާތު ދެއްވި ގޮތުގައި މި މައްސަލާއާ ގުޅިގެން ކުޑަކުއްޖާ އެރަށު ހޮސްޕިޓަލަށް ގެންގޮސް ޗެކްކޮށްފައިވެ އެވެ. ޑޮކްޓަރުންނާ ހަވާލާދީ އެ އޮފިޝަލް ވިދާޅުވީ ޑޮކްޓަރުން ބެލިބެލުމުން ކުޑަކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ބުނެ ފުލުހުންނަށް ކޮށްފައިވާ ރިޕޯޓަކާ ގުޅިގެން އެ ރަށު މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކަމަށާއި މިހާރު އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
ދިއްދޫން ހައްޔަރުކޮށްފައި ވަނީ އެރަށު ކާކު ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.