05 Oct 2015, 12:30
އެމެރިކާގެ ދެކުނު ސްޓޭޓެއް ކަމަށްވާ ކެރޮލިނާއަށް ވޭތުވެ ދިޔަ 1000 އަހަރު ނުވެހޭ ވަަރަށް ވޭތުވެ ދިޔަ ތިން ދުވަހުގެ ތެރޭގައި ވާރޭ ވެހި، ފެންބޮޑުވެއްޖެ އެވެ.
ހުއްޓާނުލައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކެރޮލިނާގެ ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެ މީހުން ދިރިއުޅޭ ގެތަކާއި، ވެހިކަލް ފަދަ ތަކެތި ވަނީ ފެނާ އެކު ފޮރުވިފަ އެވެ. ބައެއް ގެތަކުގެ ފެންނަން ހުންނަނީ ހަމައެކަނި ފުރާޅެވެ.

އެމެރިކާގެ ކެރޮލިނާއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި -- ފޮޓޯ -- އޭޕީ
އެ ކާރިސާއާ ގުޅިގެން ކެރޮލިނާ ސްޓޭޓްގެ ސުކޫލުތައް ބަންދުކުރުމުގެ އިތުރުން ހައިވޭތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
"ވޭތުވެ ދިޔަ 1000 އަހަރުތެރޭގައި ވެސް މި ސްޓޭޓަށް މިހާ ބޯކޮށް ވާރޭވެހިފައެއް ނުވޭ. އެހާވެސް ބޯކޮށް ވާރޭ ވެހެނީ،" ދެކުނު ކެރޮލިނާގެ ގަވަރުނަރު ނިކީ ހެލޭ ބީބީސީގައި ބުނެފައިވެ އެވެ.
އަދި އެ ކާރިސާގައި ހަ މީހަކު ވަނީ މަރުވެފަ އެވެ.
އެމެރިކާ ސަރުކާރުން އަންގާފައި ވަނީ ކްރޮލިނާ ސްޓޭޓްގެ މީހުން ގެތަކުގެ އެތެރޭގައި ތިބުމަށާއި އެއްގޮތަކަށް ވެސް ބޭރަށް ނުނިކުތުމަށެވެ. އެހެން އަންގާފައި ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ އިރު އެފަނަކީ ސިއްހީ އެތައް ބަލިތަކެއް ޖެހޭނެ ނަޖިސް ފެނަކަށް ވާތީ ކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ކެރޮލިނާއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި -- ފޮޓޯ -- އޭޕީ
"ފެނަކީ ރައްކާތެރި ފެނެއް ނޫން. ސްޓޭޓްގެ އެކި ސަރަހައްދުތަކަށް ބޯކޯށް ވާރޭވެހި ފެންބޮޑު ވެފައިވާ އިރު އެ ފެނުގައި ގިނަ އަދަދަކަށް ބެކްޓީރިއާ ވާނީ އުފެދިފައި. އެހެންވީމާ ފެނުގެ ތެރެއަށް ނޭރި ގޭގައި ތިބުމަށް އިލްތިމާސްކުރަން،" އެމެރިކާ ސަރުކާރުން ބުނެފައިވެ އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ކެރޮލިނާ ސްޓޭޓްއަށް ސްޓޭޓް އޮފް އެމެޖެންސީ އިއުލާނު ކުރައްވާފަ އެވެ. އަދި އެ ސްޓޭޓްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ސިފައިންނާއި ފުލުހުން އަދި އެހީތެރިންވެސް ވަނީ ފޮނުވާފަ އެވެ.

އެމެރިކާގެ ކެރޮލިނާއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި -- ފޮޓޯ -- އޭޕީ
"އެމްބިއުލެންސްތައް ހުރީ ތައްޔާރުގައި. މީހުން ބަދަލުކުރަމުން މިދަނީ ފެން ބޮޑު ނުވާ ސަރަހައްދުތަކަށް އެމީހުންގެ ގެތަކުން ބޯޓެއްގައި އެހެން ސަރަހައްދުތަކަށް." ޖޯޖްޓައުން ކައުންޓީގެ ތަރުޖަމާނު ޖެކީ ބްރޯޗް ރޮއިޓާސްގައި ވިދާޅުވެފައިވެ އެވެ.
އެމެރިކާގެ މޫސުމާ ބެހޭ އިދާރާ އިން ލަފާ ކުރާ ގޮތުން ކްރޮލިނާ ސްޓޭޓަށް ކުރިއަށް އޮތް 24 ގަޑިއިރު ވެސް ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ އެވެ. އެހެންކަމުން ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލު ކުރުމަށް އެ އިދާރާ އިން ވަނީ ގޮވާލާފަ އެވެ.

އެމެރިކާގެ ކެރޮލިނާއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި -- ފޮޓޯ -- އޭޕީ